ޚަބަރު

ކޯވިޑް-19 : މާދަމާއިން ފެށިގެން 60 އަހަރުން މަތީގެ މީހުންނަށް ހެނދުނު ބޭރަށް ދެވޭނެ


ކޯވިޑް-19އާ ގުޅިގެން މާލެ ސަރަޙައްދު ފުރަބަންދުކޮށްފައި އޮތް އޮތުން މުޅިން އުވާލުމުގެކުތިން ދޭން ނީންމާފައިވާ ލުއިތަކުގެ ތެރެއިން މާދަމާއިން ފެށިގެން ޢުމުރުން 60 އަހަރުން މަތީގެ މީހުންނަށް ހެނދުނު ބޭރަށް ދެވޭނެގޮތަށް ހަމަޖައްސައިފިއެވެ.

ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެއިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައކްވަމުން ޓެގްގެ ޑޮކްޓަރ ޑރ.ނަޒްލާ ވިދާޅުވީ ފުރަބަންދަށް ލުއި ދިނުމުގެ ކަންކަން ކުރިއަށްދާނީ އެކި ފިޔަވަހިތަކަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން މާދަމާ ފަށަނީ މީގެ ފުރަތަމަ ފިޔަވަހި ކަމަށާއި، މިފިޔަވަހިވެސް ދެ ބަޔަކަށް ބަހާލެވިފައިވާކަމަށެވެ.

އެގޮތުން ފުރަތަމަ 2 ހަފްތާ އަދި އޭގެ ފަހުން އިތުރު 2 ހަފްތާއަށް ބަހާލައިގެން އެކިކަންކަމަށް ޙުއްދަ ދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މާލެ ސަރަހައްދުގައި ޚާއްސަ ހުއްދައަކާއެކު މީހުން އެއްތަނުން އަނެއްތަނަށް ދިއުމުގެ ހުއްދަދޭން ނިންމާފައިވާކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި މިހާލަތުގައިވެސް ވަކި ހުއްދައެއްގެ ދަށުން ބޭރަށް ދެވޭގޮތަށް ހަދާފައިވަނީ އެއްފަހަރާ ގިނަ މީހުން ބޭރަށް ނުކުމެ އުޅުން މަދުކުރުމަށްކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ފުރަތަމަ ފިޔަވަހީގެ، ފުރަތަމަ 2 ހަފްތާގައި މާލެ ސަރަހައްދުގައި ދެވޭނެ ލުއިތައް

  • ފުލުހުންދޭ ޙުއްދައާއެކު ގޭބިސީއަކުން ބޮޑު 3 މީހުންނަށް ހަތްފާއަކު 2 ފަހަރު ބޭރަށް ދެވިދާނެ
  • ފަތިހު 5 އާއި ހެނދުނު 8 އާ ދެމެދު ޢުމުރުން 60 އަހަރުން މަތީގެ މީހުންނަށް ހުއްދައާއެކު ބޭރަށް ދެވިދާނެ
  • ބޭންކްތައް ހަފްތާއަކު 3 ދުވަހު ހުޅުވިދާނެ، ނަމަވެސް ޚިދުމަތްދޭންވާނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު
  • ވަކި މިންގަނޑުތަކެއް ހިފަހައްޓައިގެން ފަސިންޖަރުން ފަހަތު ސީޓުގައިތިބެ ދަތުރުކުރާ ގޮތަށް އިތުރު ޓެކްސީތަކަށް ޙުއްދަ ދެވޭނެ
  • މިހާރު ދީފައިވާ ޙުއްދައިގެ އިތުރުން ޕިކަޕްތަކަށް އިތުރު ހުއްދައެއް ނުލިބޭނެ

ފުރަތަމަ ފިޔަވަހީގެ ފަހު 2 ހަފްތާގައި މާލެ ސަރަހައްދުގައި ދެވޭނެ ލުއިތައް

  • ހަފްތާއަކު ގޭބިސީއަކުން 5 މީހަކަށް ބޭރަށްދިއުމުގެ ޙުއްދަ ލިބޭނެ
  • ކުޑަކުދިންނަށް ފަތިހު 5 އާއި 8އާ ދެމެދު ބޭރަށް ނިކުމެވޭނެ
  • ބޭންކްތައް ހަފްތާއަކު 5 ދުވަހު ހުޅުވޭނެ / ޚިދުމަތްދޭންވާނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު
  • ޚާއްސަ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ހުރިހާ ޓެކްސީތަކަށް ދަތުރުކުރުމުގެ ހުއްދަ
  • ރައްކާތެރިކުގެ ފިޔަވަޅުތަކާއެކު ދަތުރުކުރުމުގެ ފުރުސަތު ހުރިހާ ޕިކަޕްތަކަށް ދެވޭނެ

ފުރަބަންދަށް ލުއިދޭ ފުރަތަމަ ފިޔަވަހި ނުވަތަ މިފެށޭ 4 ހަފްތާގައި ހުއްދަ ނުދެވޭނެކަންކަން

  • ޢާއިލާއާ ރައްޓެހިން އެއްވުމާއި، އެހެން ގޭގެއަށް ދިއުން
  • އެއްވުންތަކާއި އިވެންޓްތައް (ޕާޓީތައް، އާއިލީ އެއްވުން)
  • ޖަނާޒާތައް ބޭއްވޭނީ މިހާރުވެސް ކުރިއަަށްދާ އުސޫލުން ހުއްދަ ލިބޭ ފަރާތްތަކަށް

ފުރަތަމަ ފިޔަވަހި ފަށާއިރު ކޯވިޑް19 ފެނިފައި ނުވާ އަދި، ލޮކްޑައުން ނެތްރަށުގައި މާބޮޑު އިތުރު ކަންކަން ނުހުއްޓުވާނެކަމަށް އެންއީއޯސީން ވިދާޅުވިއެވެ. އެހެން ނަމަވެސް އެއްރަށުން އަނެއްރަށަށް ދެވޭނީ އިމަޖެންސީ ހާލަތެއްގައި ނުވަތަ އަސާސީކަމެއްގައި ދާން ޖެހޭ ހާލަތެއްގައި އެކަނިކަމަށް އެފަރާތުން މައުލޫމާތުދެއްވިއެެވެ. އަދި ރަށުތެރޭގައި އާއި އާންމު ދިރިއުޅުމުގައި އަދި ވިޔަފާރިއާ އެހެނިހެން ކަންކަމުގައިވެސް ގައިދުރުކަމަށާއި ސާފުތާހިރުކަމަށް ރަށްރަށުގައިވެސް އިސްކަން ދިނުމުގެ އިތުރުން ވީވަރަކުން ބޭރަށް ނިކުތުން މަދުކުރުމާއި ދިމާވާ މީހުން މަދުކުރުމަށް ސިއްޙީ ބޭފުޅުން ބާރުއަޅުއްވައެވެ.