ވިޔަފާރި

ބޭރަށް ފައިސާ ފޮނުވަން ބީއެމްއެލްއިން ކަނޑައެޅި އުސޫލުގެ މުއްދަތު އިތުރުކޮށްފި


ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބީއެމްއެލް ކާޑު ބޭނުންކޮށްގެން ބޭރު އޭޓީއެމްތަކުން ފައިސާ ނެގޭ އަދަދު އިތުރުކޮށް، ދިވެހި ފައިސާ ބޭނުންކޮށްގެން ފައިސާ ފޮނުވޭ ގޮތަށް ހަމަޖައްސާފައި އޮތް އުސޫލުގެ މުއްދަތު ބީއެމްއެލުން އިތުރުކޮށްދީފިއެވެ.

ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލުން ވަނީ މި އުސޫލުގެ ދަށުން ޖޫންމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މި ފުރުސަތު ލިބޭ ގޮތަށް ހަމަޖައްސާފައެވެ. ކުރިން ހަމަޖެހިފައި އޮތް ގޮތުން މި ފުރުސަތު ހުޅުވާލީ މޭމަހުގެ ނިޔަލަށެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން ބީއެމްއެލްއިން ވަނީ އެބޭންކުން ދޫކޮށްފައިވާ ޑެބިޓް ކާޑު ބޭނުންކޮށްގެން ކޮންމެ ދުވަހަކު އޭޓީއެމުން ނެގޭ ފައިސާގެ އަދަދު 1000 ޑޮލަރާ ހަމަޔަށް އިތުރުކޮށްފައެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި އޭޓީއެމްތަކުން ފައިސާ ނަގާއިރު ބޭންކުން ނަގާފީ ނުވަތަ ކާޑު ނެޓްވޯކްތަކަށް ދައްކާ ފީ ވަނީ 15 ރުފިޔާއަށް ކުޑަކޮށްފައެވެ. މީގެ އިތުރުން ކުރިއެކޭ އެއްގޮތަށް ކަސްޓަމަރުންނަށް ޕީއޯއެސް މެދުވެރިކޮށް ދުވާލަކު 600 ޑޮލަރުގެ ވިޔަފާރިކުރެވޭނެކަމަށްވެސް ބީއެމްއެލުން ބުނެއެވެ.

ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންނަށް އޭޓީއެމް މެދުވެރިކޮށް ކުރިން ނެގެނީ ދުވާލަކު 400 ޑޮލަރާ އެއްވަރުގެ އަދަދެކެވެ.

ބީއެމްއެލް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށްވެސް ވަނީ ބަދަލުތަކެއް ގެނެވިފައެވެ. އެގޮތުން ކޮންމެ ކަސްޓަމަރަކަށްވެސް މަހެއްގެ މައްޗަށް 500 ޑޮލަރާ ހަމަޔަށް ދިވެހި ރުފިޔާ އެކައުންޓުން ފައިސާ ފޮނުވޭ ގޮތް ވަނީ ހަމަޖައްސާފައެވެ. މިގޮތަށް ފައިސާ ފޮނުވުމުގައި ބީއެމްއެލްއިން އެއްވެސް ފީއެއް ނުނެގުމަށް ވަނީ ނިންމާފައެވެ. ކަސްޓަމަރުން ދައްކަންޖެހޭނީ ހަމައެކަނި ފޮރިން ބޭންކް ޗާޖެވެ. އަދި މީގެ އިތުރުން ބީއެމްއެލް މޯބައިލް ޕޭ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށްވެސް ދިވެހި ފައިސާގެ ޑިޖިޓަލް ވޮލެޓް ބޭނުންކޮށްގެން 500 ޑޮލަރާ ހަމަޔަށް ފައިސާ ފޮނުވޭނެއެވެ.

މި ޚިދުމަތް ލިބޭނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ކަނޑައަޅުއްވާފައިވާ އުސޫލްތަކާ އެއްގޮތަށް ރާއްޖެއިން ބޭރުގައި ހުންނަ އެމްބަސީތަކުގައި ރަޖިސްޓަރކޮށްފައިވާ ފަރާތްތަކަށް ކަމަށް ބީއެމްއެލްއިން ބުނެއެވެ.