ޚަބަރު

އިހަވަންދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފަށައިފި


އިހަވަންދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

‏ހއ. އިހަވަންދޫ އައު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ ކޮންޓްރެކްޓުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެކު، ޕްލޭނިންގ މިނިސްޓްރީއިން ސޮއިކޮށްފައި ވަނީ 26 އޯގަސްޓް 2019 ގައެވެ.

ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރަން ހަމަޖެހިފައިވާ މިމަޝްރޫޢުގެ ޖުމްލަ އަގަކީ 51،725،810 ރުފިޔާއެވެ. މިބަނދަރު ބޮޑު ކުރަނީ އެރަށުގައި މިހާރު އޮތް ބަނދަރު ކުޑަވުމުން އެރަށު ރައްޔިތުންނަށް ދަތިތަކެއް ކުރިަމަތިވުމާ ގުޅިގެންނެވެ.

މިމަޝްރޫއުގެ ދަށުން 284 މީޓަރުގެ ބޭރު ތޮށްޓެއް ލުމާއި، 95 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމާއި، 178 މީޓަރުގެ ރިވެޓްމެންޓް ޖެހުން ފަދަ ކަންތައް ހިމެނެއެވެ. މިބަނދަރު ބޮޑުކުރުމުގެ މަަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 400 ދުވަހުގެ ތެރޭގައެވެ.

އިހަވަންދޫއަކީ ފުރާ ދުއްވާ އުޅަނދު ގިނަ، އަދި މަސްވެރި ބޮޑެތި އުޅަނދުފަހަރު ގިނަ ރަށެކެވެ.

އިހަވަންދޫ ބަނދަރުގެ މަސައްކަތް ފެށުމާއި ގުޅިގެން އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވީ މި ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ފެށުމަކީ އިހަވަންދޫގެ ރައްޔިތުންނަށް ލިބުނު ވަރަށްބޮޑު އުފަލެއް ކަމަށެވެ.