ވިޔަފާރި

ފަތުރުވެރިންގެ އަދަދު އިތުރުކުރަން ބޭނުންނަމަ ދަތުރުފަތުރާގުޅޭ އެއްބަސްވުންތައް ޤާއިމްކުރަންޖެހޭ- ސޯނޫ


ކޯވިޑްއަށްފަހު ފަތުރުވެރިކަން އަލުން ފަށާއިރު، މިއީ ޤައުމުތަކާއި އެކު އެއްބަސްވުންތައް ޤާއިމްކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް މަސައްކަތް ކުރަންވީ ވަގުތުކަމަށް ސޮނެވޭ ރިސޯޓްސްގެ ބާނީ ސޯނޫ ސިވްދާސަން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސްއިން ބޭއްވި "ސޭފް ރި-އޯޕަނިން އެންޑް ރިވައިވިންގ އޮފް މޯލްޑިވްސް ޓްރެވަލް އެންޑް ޓޫރިޒަމް" ވެބިނަރގައި ވާހަކަދައްކަވަމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ ސޯނޫ ސިވްދާސަން ވިދާޅުވީ، ކޯވިޑް-19އާ ގުޅިގެން ޤައުމުތަކުން ދަނީ ދަތުރުފަތުރާއި ގުޅުންހުރި އެކި ކަހަލަ އެއްބަސްވުންތަކުގައި ސޮއިކުރުމުން ކަމަށާއި ރާއްޖެއިންވެސް މިފަދަ އެއްބަސްވުންތަކުގެ ބޭނުން ހިފުން މުޙިއްމު ކަމަށެވެ. އެގޮތުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކަށް ޙާއްސަ އިސްކަމެއް ދީގެން ގުޅުންތައް އިތުރަށް ބަދަހިކޮށް، ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްކަން އަންގައިދޭން އެބަޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

" ޤައުމުތަކުން ދަނީ ޓްރެވަލް ބަބުލްތައް ހަދަމުން، މިހެން ހެދީމާ ފަތުރުވެރިން ދަތުރުކުރުމަށް އެޤައުމުންތަކުން ހުއްދަދޭނީ އެ ބަބުލްގައި ހިމެނޭ ޤައުމުތަކަށް އެކަނި، އަދި ޗައިނާފަދަ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މުޙިއްމު ޤައުމުތަކުން ދަނީ ފާސްޓް ޓްރެކް ޓްރެވަލް އެރޭންޖްމަންޓްސްތައް ޤައުމުތަކާއި އެކު ހަދަމުން، ރާއްޖެއަށް މީގެ ބޭނުން ހިފުމުން މުޙިއްމު،" ސޯނޫ ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ މައުލޫމާތު މިހާރަށްވުރެ ބޮޑަށް ފޯރުކޮށްދީ، ރާއްޖޭގައި ފަތުރުވެރިކަމުގެ ކޮންސެޕްޓް އޮންނަ ގޮތް ބޭނުންކޮށްގެން ރާއްޖެ އިޝްތިހާރުކުރުން މުޙިއްމު ކަމަށް ސޯނޫ ވިދާޅުވިއެވެ.އެގޮތުން ރާއްޖޭގެ ކޮންމެ ރިސޯޓަކީ ވަކިން އޮންނަ ރަށެއް ކަމަށާއި، ރާއްޖޭގައި ޗުއްޓީ ހޭދަ ކުރާއިރު އެހެން މީހުންނާއި ދިމާވާ މިންވަރު ވަރަށް މަދުވާނެ ކަން ފަދަ މައުލޫމާތުތައް މި ދަނޑިވަޅުގައި ފަތުރުވެރިންނަށް ކިޔާދޭން ޖެހޭ ކަމަށްވެސް ސޯނޫ ވިދާޅުވިއެވެ.

ސޯނޫ ފާހަގަކުރި ގޮތުގައި ގިނަ ފަތުރުވެރިން ބޭނުންވަނީ ޖެޓުތަކުގައި ރާއްޖެއަށް އައިސް ޕްރައިވެޓް އައިލެންޑުތަކުގައި ޗުއްޓީ ހޭދަކުރާށެވެ. އަދި މި ފާއިތުވީ ދުވަސްތަކުގައި ޕްރައިވެޓް އައިލެންޑުގައި ޗުއްޓީއެއް ހޭދަކުރުމާއި ގުޅޭގޮތުން ގިނަ ބަޔަކު މައުލޫމާތު ސާފުކުރަމުންދާކަންވެސް ސޯނޫ ފާހަގަކުރިއެވެ.