ފުރަބަންދަށްފަހު ރާއްޖޭގެ އިންޓަރނޭޝަނަލް އެއަރޕޯޓުތައް އަލުން ހުޅުވާލާއިރު އައު އާއްމު ހާލަތަށް ވެފައިވާ ތައްޔާރީތަކުގެ މަޢުލޫމާތު ހޯދުމަށް ކަމާބެހޭ ފަރާތްތައް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
ސަރުކާރުން ދަނީ އަންނަ މަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާ ފަތުރުވެރިންނަށް މަރުހާބާ ކިޔުމަށް ތައްޔާރުވަމުންނެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިތުރަށް ރާއްޖޭގެ އެހެން ބައިނަލްއަޤްވާމީ އެއަރޕޯޓުތަކަށްވެސް ޖެޓުތައް ޖެއްސޭނެ އިންތިޒާމްތައް ހަމަޖައްސަމުންދާކަމަށް ސަރުކާރުން ވިދާޅުވިއެވެ.
މިއަދު ބޭއްވި ސްޓޭޓް ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް، އެސްއޯއީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެރިވި މެމްބަރުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކޮށްފައިވާ ބައިނަލްއަޤްވާމީ އެއަރޕޯޓުތައް ހުރީ ކޮން ފެންވަރެއްގައިތޯއާއި އެއަރޕޯޓުތައް ކޯވިޑް-19ގެ ހާލަތަށް ތައްޔާރުވެފައިވާ މިންވަރާ ގުޅޭ އިތުރު ތަފްސީލްތައް ބޭނުންވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓު އައު އާއްމު ހާލަތުގައި އޮޕަރޭޓުކުރާނެ ގޮތުގެ ރިޕޯޓެއް ކޮމެޓީއަށް ވަނީ ލިބިފައިވާ ކަމަށާއި ދެން ހުރި އެއަރޕޯޓުތައްވެސް ވެފައިވާ ތައްޔާރީތަކާއި ގުޅޭ ރިޕޯޓެއް ކޮމިޓީއަށް ބޭނުންވާ ކަމަށް މެމްބަރުން ފާހަގަކުރިއެވެ.
ކަމާބެހޭ ފަރާތްތައް ހާޒިރުކުރާއިރު، އެޗްޕީއޭ، ޓޫރިޒަމް މިނިސްޓްރީ އަދި ،ސިވިލް އޭވިއޭޝަނުން ހޯދުމަށް ހަމަޖެހިފައިވަނީ އައު އާއްމު ހާލަތުގައި އިންޓަރނޭޝަނަލް އެއަރޕޯޓުތައް އޮޕަރޭޓްކުރާއިރު ހުންނަން ޖެހޭ މިންގަނޑުތަކުގެ ގައިޑްލައިންގެ މަޢުލޫމާތެވެ. އަދި ގައިޑުލައިން ގައި ހިމެނޭ ކަންތައްތަކާއި އެއްވަރަށް އެމްއޭސީއެލް އަދި އައިލެންޑް އޭވިއޭޝަނުން ތައްޔާރުވެފައިވާ މިންވަރު ބެލުމަށް ކޮމިޓީއަށް ހާޒިރުކުރުމަށް ކޮމިޓީގެ މެމްބަރުން ވަނީ ނިންމަވާފައެވެ.
ކޮމިޓީގެ މުޤައްރިރު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ ކޮމިޓީއިން ތިބީ އެއަރޕޯޓުތަކަށް ހުރި ދަތިތައް ބަލާ ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
"އެއަރޕޯޓުތައް ހުޅުވެންވާއިރަށް މިގައިޑްލައިންތަކާއި އެއްވަރަށް ރެޑީވެފަތޯ ހުރުން ބެލުން ރެޑީ ނުވެ އޮތީޔާ އަޅުގަނޑުމެން އެބޭފުޅުންނަށް ތައްޔާރުވުމަށްވާ ދަތިތަކަކީ ކޮބައިތީ ބަލާ އެކަންތައް ހައްލުކުރުމަށް މަސައްކަތް ކޮށްދޭނަން، އެބޭފުޅުން ލައްވާ އެތަން ތައްޔާރުކުރުވުން ބޭނުމަކީ،" އިލްޔާސް ވިދާޅުވިއެވެ.
މައުލޫމާތު ހޯދާ ސާފުކުރަމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި އަދި މާފަރު އިންޓާރނޭޝަނަލް އެއަރޕޯޓާ ގުޅޭގޮތުންނެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޒިޔާރަތްކޮށް އެތަން ތައްޔާރުވެފައިވާ މިންވަރު ބެލުމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ.
ދާދި ފަހުން ހުޅުވި މާފަރު އެއަރޕޯޓު އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޭނުންކުރަމުންދާނީ ފުރިހަމަ އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ކަމަށް އައިލެންޑް އޭވިއޭޝަނުން ދާދިފަހުން ވަނީ ބުނެފައެވެ. އެގޮތުން މާފަރު އެއަރޕޯޓުގެ އިންޓަރނޭޝަނަލް އޮޕަރޭޝަނަށް ގެންނަންޖެހޭ ބަދަލުތައް މިހާރު ގެންނަމުންދާ ކަމަށާއި އައު އާންމު ހާލަތު ފަށާއިރު މާފަރު އެއަރޕޯޓު ބޭނުންކުރަން ފަށާނީ ފުލީ ފަންކްޝަނަލް އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ކަމަށް އައިލެންޑު އޭވިއޭޝަނުން ބުނެފައިވެއެވެ.