ވިޔަފާރި

މިނިމަމް ވޭޖެއް ކަނޑައަޅަންވީ 2022 ވަނަ އަހަރު- ފިނޭންސް މިނިސްޓަރ


މިނިމަމް ވޭޖް އެއް ކަނޑައަޅާ އަމަލުކުރަން މިއީ އެންމެ ރަނގަޅު ދަނޑިވަޅު ނޫންކަމަށާއި، އެކަން ކުރަންވީ 2022 ވަނަ އަހަރުކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓްއިން ފޮނުއްވާފައިވާ މިނިމަމް ވޭޖް ރިޕޯޓާ ގުޅޭގޮތުން ލަފާ ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއިން މިނިސްޓަރ އޮފް ފިނޭންސްއާއާއެކު ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓްރ އަމީރު ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން މާލީ ގޮތުން ބޮޑެތި ހޭދަތަކެއްކުރަން ޖެހިފައިވާކަމަށެވެ. އަދި ދައުލަތުގެ ދަރަނިވެސް ވަރަށް ބޮޑުވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

" މިނިމަމް ވޭޖެއް ކަނޑައެޅުމަށް އަޅުގަނޑުވެސް ތާއީދުކުރަން، އެކަމް މިނިމަމް ވޭޖު ކަނޑައެޅުމަށް އެބަޖެހޭ 2020ގެ ޖެނުއަރީގައި ރާއްޖެ އޮތް އިޤްތިސާދު ހޯދަން، ލަފާ ކުރެވެނީ 2022 ހިސާބު އެހިސާބަށް ދެވޭނެ ކަމަށް،" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީއާއި ނޭޝަނަލް ޕޭ ކޮމިޝަނާ އެއްކޮށް ކުރެވުނު މަސައްކަތުން ފާހަގަކުރެވުނު ކަންތައްތައް މިނިސްޓަރ އަމީރު ވަނީ ކޮމިޓީގެ މެމްބަރުންނާއި ހިއްސާކޮށްފައެވެ. އެގޮތުން މިނިމަމް ވޭޖު ބޯޑުން ހުށަހަޅާފައިވާ މިނިމަމް ވޭޖަކީ އަސާސީ މުސާރައިގެ ގޮތުގައި 6400 ރުފިޔާކަމަށްވާއިރު ސަރުކާރުން މުސާރައަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" މިނިމަމް ވޭޖާއި އެކު ޕަބްލިކް ސެކްޓަރގައި މަސައްކަތްކުރާ މުވައްޒަފުންގެ އަސާސީ މުސާރައަށް އަންނާނެ ބަދަލާއި އެކު ދައުލަތުން މުސާރައާއި ޕެންޝަނަށް ކުރާ ޚަރަދު 3.7 ބިލިއަން ރުފިޔާއަށް އިތުރުވެގެންދާނެ، މިއީ މިއަހަރު ބަޖެޓު ކޮށްފައިވާ އަދަދުތަކެއް ނޫން،" މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން ބިދޭސީންވެސް މިނިމަމް ވޭޖުގައި ހިމެނޭއިރު، ރެމިޓެންސް ފައިސާގެ ގޮތުގައި ރާއްޖެއިން ބޭރުވާނެ އަދަދުތައް އިތުރުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެޓީގައި ހިމެނޭ މެމްބަރުންވަނީ މިނިމަމް ވޭޖެއް ކަނޑައެޅުމާއި ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ވާހަކަދައްކާ މިނިމަމް ވޭޖެއް ކަނޑައެޅުމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީގެ ހިޔާލު ހޯދާފައެވެ.

ގިނަ މެމްބަރުން ވަނީ މިއީ މިނިމަމް ވޭޖެއް ކަނޑައެޅުމަށް އެންމެ ރަނގަޅު ވަގުތު ނޫންކަން ފާހަގަކޮށްފައެވެ. އެގޮތުން އަމިއްލަ ވިޔަފާރިތަކުންވެސް މާލީގޮތުން ގިނަ ގެއްލުންތަކެއްވަމުން ދާ މިދަނޑިވަޅުގައި މިނިމަމް ވޭޖެއް ކަނޑައަޅައިފިނަމަ ވަޒީފާ ގެއްލޭ ފަރާތްތައް އިތުރުވެދާނެ ކަމުގެ ބިރު އެބައޮތްކަމަށް މެމްބަރުން ވިދާޅުވިއެވެ.