ވިޔަފާރި

ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 89 އިންސައްތަ ދަށްވެއްޖެ


މޭ މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 89 އިންސައްތަ ދަށްވެއްޖެއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކޮށްފައިވާ މޭމަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 7.9 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އޭޕްރީލްމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު 77.6 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 89 އިންސައްތަ ދަށް އަދަދެކެވެ.

ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ދެގުނައަށް ވުރެ ބޮޑު އަދަދަކުން ދަށްވެފައި މިވަނީ ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓިފައިވާތީއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 5 މަސްދުވަހުގެ ތެރޭގައި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 279 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާ ބަލާއިރު 43.8 އިންސައްތަ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ފަސްމަސް ދުވަހު ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 402 މިލިއަން ރުފިޔާއެވެ.

ރާއްޖޭގައި ހިންގާ ޓޫރިސްޓުންނަށް ޙިދުމަތްދޭ ތަންތަނަށް އަންނަ ޓޫރިސްޓުން، އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނަގަންޖެހެއެވެ. ދުނިޔޭގައި ހަލުވިކަމާއެކު ކޯވިޑް-19 ވައިރަސް ފެތުރެމުން ދިއުމާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް މިދިޔަމަހު މާޗުމަހުގެ ތެރޭގައި ވަނީ ފަތުރުވެރްނަށް ބަންދުކޮށްފައެވެ. އެއާއެކު ރާއްޖެއަށް ފަތުރުވެރިން އައުން ވަނީ ހުއްޓިފައެވެ.

ސަރުކާރުންދަނީ އަންނަ މަހު ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކުލަވާލައި ތަންފީޒުކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. އަދި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްވެސް ޓޫރިޒަމް މިނިސްޓްރީންދަނީ އެމްއެމްޕީއާރުސީއާއި ގުޅިގެން ކުރަމުންނެވެ.