ވިޔަފާރި

ރެކޯޑް އަދަދަކަށް މިއަދު މަސް އެކްސްޕޯޓްކޮށްފި


ސްރީލަންކަން އެއަރލައިންސްގެ ފްލައިޓުގައި މިއަދު ރެކޯޑް އަދަދަކަށް މަސް އެކްސްޕޯޓް ކޮށްފައިވާކަމަށް އެ އެއާލައިނުން ހާމަކޮށްފިއެވެ.

ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް އޭސް އެވިއޭޝަނުން ބުނީ މިއަދު ރާއްޖެއިން 8.3 ޓަނުގެ މަސް އެކްސްޕޯޓުކޮށްފައިވާ ކަމަށެވެ. މިއީ ކޯވިޑް-19އާ ގުޅިގެން އެއަރލައިނުން ފެށި ކާގޯ ފްލައިޓުތަކުގައި ރާއްޖެއިން އެއްދުވަހެއްގެ މަތިން އެންމެ ގިނަ އަދަދަކަށް މަސް އެކްސްޕޯޓްކޮށްފައިވާ ދުވަސްކަން އޭސް އޭވިޝަނުން ފާހަގަކުރެއެވެ.

ސްރީލަންކަންގެ ކާގޯ ފްލައިޓް ދަތުރުތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އޭސް އޭވިއޭޝަންގެ މެނޭޖިންގެ ޑިރެކްޓަރ މުޙައްމަދު ފިރާޤް ވިދާޅުވީ މިއަދަކީ ފާހަގަކޮށްލެވޭ ދުވަހެއް ކަމަށާއި، ރެކޯޑް އަދަދަކަށް މަސް އެކްސްޕޯޓުކުރެވިފައިވާއިރު، 34 ޓަނުގެ މުދާ ރާއްޖެއަށް ގެނެވިފައިވާ ކަމަށެވެ. އަދި އަނބުރާ ޤައުމަށްދާން ބޭނުންވެފައިތިބި ސްރީލަންކާގެ 281 މީހަކު މިއަދު ސްރީލަންކަންގެ ފްލައިޓުގައި ރާއްޖެއިން ފުރާފައިވާކަންވެސް ފިރާޤް ފާހަގަކުރެއްވިއެވެ.

ފިރާޤު ވިދާޅުވީ ރާއްޖެއިން އެކްސްޕޯޓުކޮށްފައިވާ މަހަކީ ޔޫރަޕްގެ މާރކެޓަށް ފޮނުވާމަސް ކަމަށެވެ. ކޯވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ ދަތިތަކާއި އެކު އާއްމުގޮތެއްގައި ސްރީލަންކަންގެ ފްލައިޓުގައި ރާއްޖެއިން އެކްސްޕޯޓުކުރެވެނީ 3-2 ޓަނުގެ މަހެވެ. އަދި އާއްމުގޮތެއްގައި ރާއްޖެއަށް ސްރީލަންކަންގެ ފްލައިޓުގައި ގެންނަނީ 20-15 ޓަނުގެ މުދަލެވެ.

ސްރީލަންކަން އެއަރލައިންސްއިން ދަނީ ހަފްތާއަކު 3 ކާގޯ ދަތުރު ރާއްޖެއަށް ބާއްވަމުންނެވެ. ސްރީލަންކަން އެއަރލައިންސްގެ ކާގޯ ފްލައިޓު ރާއްޖެއަށް އަންނަނީ ސައުތު އެފްރިކާ، ދުބާއީ، ޖިއްދާ އަދި ޗައިނާގެ ބައެއް ހިސާބުތަކުން މުދާ ހިފައިގެންނެވެ.