ޚަބަރު

ކޯވިޑް-19: ދައުލަތުން މީޑިއާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މީޑިއާކައުންސިލުން އެދިއްޖެ


ކޯވިޑް-19 އާ ގުޅިގެން މީޑިއާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކޮށްދޭން ދަޢުލަތުގެ ކަމާ ގުޅޭ އިދާރާތަކުގައި މޯލްޑިވްސް މީޑިއާ ކައުންސިލުން އެދިއްޖެއެވެ.

އެ ކައުންސިލުން ބުނީ ކޯވިޑް-19 އާ ގުޅިގެން މީޑިއާތަކަށް ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އެކުލަވާލާފައިވާ ދިރާސާ ރިޕޯޓާއެކު ދަޢުލަތުގެ 13 އިދާރާއަކަށް މި ކޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ރަސްމީކޮށް އެދިފައިވާކަމަށެވެ.

މިގޮތުން މި ދިރާސާ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީ އޮފް ހޯމްއެފެއާޒްއާ ވެސް ވަނީ ހިއްސާކޮށްފައެވެ. މީގެ އިތުރުން އެކައުންސިލުގެ ފަރާތުން ސިޓީ ފޮނުވި އިދާރަތަކާއި އެ އިދާރާތަކުން ހައްލުކޮށްދޭން އެދުނު ކަންތައްތަކުގެ ތެރޭގައި ސާވޭގައި ބައިވެރިވި މީޑިއާތަކުގެ އާމްދަނީ 80-60 އިންސައްތަ ދަށްވެފައިވާ ކަމަށް ފާހަގަކޮށްފައި ވާތީ، ރިލީފް ލޯނުގެ ފައިސާ ދޫކުރުން އަވަސް ކޮށްދިނުމަށާއި އިންކަމް ސަޕޯޓް އެލަވަންސް ސްކީމުން ނޫސްވެރިންނަށް ވެސް ފުރުޞަތު ދިނުމަށް އެދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓާއި، އެސްއެމްއީ ޑިވަލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންނަށް ވަނީ ހުށައަޅާފައެވެ.

މީގެ އިތުރުން މީޑިއާތަކަށް ހާއްސަ އިންޓަނެޓް ޕެކޭޖްތަކެއް ތަޢާރަފްކޮށްދީ އިންޓަނެޓްގެ އަގު މީޑިއާތަކަށް ހެޔޮކޮށް ދިނުމަށް އެދި، ރާއްޖޭގެ ޓެލެކޮމް ތިން ކުންފުންޏަށް ވަނީ ހުށައަޅާފައެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުން މީޑިއާތަކަށް އިޝްތިހާރު ދިނުމުގައި ހަމަހަމަ އުސޫލުތަކާއި މެރިޓަށް ނުބަލާ ކަމަށް ގިނަ މީޑިއާތަކުން ބުނެފައިވާތީ އެކަންވެސް ވަނީ ސަމާލުކަމަށް ގެނެސްފައެވެ.

ކޯވިޑް-19 އާ ގުޅޭ ބައެއް މައުލޫމާތުތައް ހޯދުމާއި އެހެނިހެން ވެސް މައުލޫމާތުތައް މީޑިއާތަކުން ހޯދުމަށް ދައުލަތުގެ ބައެއް އިދާރާތަކުން ބޮޑެތި ދަތިތަކާއި ހުރަސްތައް ކުރިމަތިވާ ކަމާއި ބައެއް ތަންތަނުން އެއްގޮތަކަށް ވެސް މައުލޫމާތު ނުދޭ ކަމަށް މީޑިއާތަކުން ފާހަގަ ކުރާތީ އެކަން ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ ސަމާލުކަމަށް ވެސް ގެނެވިފައި ކަމުގައި މިޑިއާކައުންސިލުން ބުނެފައި ވެއެވެ.

މީގެ އިތުރުން، ކޮމިޔުނިޓީ ނޫސްތަކަށް މައުލޫމާތު ފޯރުކޮށް ދިނުމުގައި ދިމާވާ ގޮންޖެހުންތައްވެސް އިސްލާޙްކުރުމަށް ވަނީ އަންގަވާފައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ މިދުވަސްވަރު މީޑިއާތަކަށް ދިމާ ވާ ދަތިތައް ހައްލުކޮށްދިނުމަށް އިދާރާތަކުން އަޅާނެ ފިޔަވަޅުތައް އެންގުމަށާއި އެ ކަންކަން އިސްލާހުވަމުން އަންނަ މިންވަރު ކައުންސިލުން ކައިރިން ބަލަމުން ދާނެކަމަށް ބުނެފައެވެ.