ޚަބަރު

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ސެޓްފިކެޓްތައް ރާއްޖެ ގެނެސްފި


މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާން ނިންމި ދަރިވަރުންގެ ސެޓްފިކެޓްތައް ލިބިފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ވިދާޅުވެއްޖެއެވެ.

ޑީޕީއީ އާ ހަވާލުވެ ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިހްސާން ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޯބަރ ނޮވެމްބަރުގައި އޯލެވެލް ހެދި ދަރިވަރުންގެ ސެޓްފިކެޓްތައް ލިބިފައިވަނީ މިއަދުކަމަށެވެ.

އަދި މިހާރު އެސްއެސްސީ އިމްތިޙާންގެ ސެޓްފިކެޓްތަކާއި އޯލެވެލް ސެޓްފިކެޓްތަކާއެކު އެ ފޮނުވަންޖެހޭ ސެންޓަރުތައް ވަކި ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އިހްސާން ވިދާޅުވީ އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު މިސެޓްފިކެޓްތައް ސެންޓަރުތަކަށް ފޮނުވާނީ ވަރަށް ރަނގަޅަށް ޕެކް ކުރުމަށްފަހުގައިކަމަށެވެ.

އަދި އެތަކެތި މާދަމާ އެރަށެއްގައި އެކުލަވާލާފައިވާ ޓާސްކް ފޯސްއާ ގުޅިގެން ސެންޓަރުތަކަށް ފޮނުވަން ފަށާނެކަމަށާއި ސްކޫލްތަކަށް ލިބުނުހާ އަވަހަކަށް ސުކޫލްތަކުން ސެޓްފިކެޓްތައް ދޫކުރާނެކަމަށެވެ. ނަމަވެސް ކޯވިޑް-19 ގެ ސަބަބުން ސެޓްފިކެޓްތައް ދިނުމުގެ އުޞޫލަށް ބަދަލުގެނެސް އެއުސޫލް ސްކޫލްތަކަށް ވަނީ ހިއްސާކޮށްފައެވެ.

މިދޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ސެޓްފިކެޓްތައް ރާއްޖެ ގެނެސްފައިވާއިރު އޭލެވެލް ސެޓްފިކެޓްތައްވެސް މިހާރު ވަނީ ސެންޓަރުތަކަށް ފޮނުވަން ފަށާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި އިމްތިހާންތަކުގެ ސެޓްފިކެޓްތަކަކީ އެ ޔުނިވަރސިޓީތަކުން ޕްރިންޓްކޮށް ސީލްޖަހައިގެން ސެންޓަރުތަކަށް ފޮނުވާ އެއްޗެއްކަމަށާއި ސެޓްފިކެޓްތައް ޕްރިންޓް ކުރަނީ ރީޗެކް މަރުހަލާ ނިމި ދަރިވަރުންގެ ނަތީޖާތައް ކަށަވަރުވުމުންކަމަށެވެ. އަދި ރާއްޖެއަށް ސެޓްފިކެޓްތައް ލަހުން ލިބިފައިވަނީ ޔުނިވަރސިޓީތަކުން ކުރަންޖެހޭ މަސައްކަތްތައް ނިންމާ ފޮނުވުމާ ހަމަޔަށް އައިރު ކޯވިޑް-19 ގެ ސަބބަުން އިނގިރޭސިވިލާތާއި އަދި އެހެނިހެން ޤައުމުތައް ފުރަބަންދުވެ ދަތުރުފަތުރުގެ ނިޒާމް ހުއްޓުމަކަށް އައުމުގެ ސަބަބުންކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިސެޓްފިކެޓްތައް ލިބުމުގެ ކުރިން މަތީ ތަޢުލީމުގެ ފުރުޞަތަށް އެދި ހުށައަޅަން ބޭނުންވެއްޖެނަމަ މިހާރު ދޫކޮށްފައިވާ ނަތީޖާ ޓްރާންސްކްރިޕްޓް ބޭނުން ކުރެވޭނެކަމަށެވެ. އަދި ނަތީޖާގެ ކަށަވަރުކަން ޔަޤީންކުރުމަށް އިތުރު ލިޔުމެއް ބޭނުންވާނަމަ ޑީޕީއީއަށް ހުށައެޅުމުން ލިބޭނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާންގައި ދުއިސައްތަ ތިރީސް ހަތަރު ސެންޓަރަކުން ފަސް ހާސް ފަސްސަތޭކަ ފަސްދޮޅަށް ނުވަ ދަރިވަރުން ބައިވެރިވިއެވެ.