15 ޖުލައިގައި ރާއްޖޭގެ ބޯޑަރު ހުޅުވާއިރު އެދުވަހު ފަތުވެރިން ގޮވައިގެން 3 ފްލައިޓް ރާއްޖެ އައުމަށް އެދިފައިވާކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަން ޖުލައި 15ގައި ހުޅުވާލުމަށް ވަމުންދާ ތައްޔާރީތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ރާއްޖެއަށް ކުރިންވެސް އޮޕަރޭޓްކުރި އެއަރލައިންތަކާއެކު މަޝްވަރާތައް ކުރިއަށް ގޮސްފައިވާކަމަށެވެ. އަދި ފަތުރުވެރިކަމަށް ހުޅުވާލާ ހިސާބުން ގިނަ އެއަރލައިންތަކެއް ރާއްޖެއަށް އޮޕަރޭޓްކުރުމަށް ސްލޮޓަށް އެދިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އުންމީދުކުރަނީ އެދުވަހުގެ ހެދުނުގެ ވަގުތެއްގައި ރާއްޖެއަށް އަންނަ ފުރަތަމަ ފްލައިޓް ދަތުރުވެރިންނާއި އެކު އަންނާނެކަމަށް. 11 އެއަރލައިނަކުން ރާއްޖޭގެ އެއަރޕޯޓަށް ދަތުރު ފެށުމަށް ސްލޮޓްސް ވަނީ ރިޒާވް ކޮށްފައި. އަނެއްކޮޅުން ވާނީ މިދިޔަ ދުވަސްތަކުގައި ރާއްޖެއަށް ކޯވިޑް-19 އައުމުގެ ކުރިން ދަތުރުކުރަމުން ދިޔަ އެއަރލައިން ތަކާއި ބައްދަލުކޮށްފައި މަޝްވަރާކޮށްފައި. އޭގެ ތެރެއިން ގިނަ އެއަރލައިންތައް ޖުލައިމަހު ގެ ތެރޭގައި ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ޑޭޓް ލިބުމާއިއެކު ކުރާނެ. ބާކީ ހުރި އެއަރލައިންތައްވެސް އޯގަސްޓްމަހު ތެރޭގައި ދަތުރުތައް ފަށާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާގައި" މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްޓަރ އަލީ ވަހީދު ވިދަޅުވީ އެއަރޕޯޓާއި ގުޅުން ހުރި ފަރާތްތަކާ ގުޅިގެން ވޭތުވެދިޔަ ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. މިގޮތުން އެއަރޕޯޓަށް ކޮންމެ 20 މިނެޓަކުން ފްލައިޓް ޖައްސާ ކްލިއަރަންސް ހެދޭ ވަރަށް އެމްއޭސީއެލްއިން ޔަޤީންކަން ދެއްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތް 3 މަހުގެ ތެރޭގައި އިތުރަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް އޮޕަރޭޝަންތައް ހަރުދަނާކުރަން ހުރިހާ އިދާރާއަކުން އެކުގައި މަސައްކަތް ކުރާނެކަމަށާއި މީހެއިތުރުންވެސް ރާއްޖޭގެ ބޯޑަރު ހުޅުވާލަނީ އަޅަންޖެހޭ ވަރަށް ހަރުދަނާ ފިޔަވަޅުތައް އެޅުމަށްފަހުކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ ޓުއަރިސްޓުންނަށް އޮން އެރައިވަލް ވިސާ ލިބޭ ގޮތަށް އޮތަސް، ރާއްޖޭގެ ރައްޔިތުންނާއި ފަތުރުވެރިންގެ ރައްކާތެރިކަމަށްޓަަކައި އަލާމާތްތައް ހުރި މީހުން ޓެސްޓްކުރުމުގެ ކަންތައްތައް ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަަމަށެވެ.