ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މިހާތަނަށް 963.6 މިލިއަން ރުފިޔާ ޙަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ހަފްތާއަކު އެއްފަހަރު ޢާންމުކުރާ "ވީކްލީ ކޯވިޑް-19 ސްޕެންޑިން" ރިޕޯޓުގައިވާ ގޮތުން، މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކޯވިޑް-19 ރާއްޖޭގައި ފެތުރޭ މިންވަރު ކޮންޓްރޯލްކޮށް މިބަލިން ރައްކާތެރިވުމަށް ކުރެވުނު ޚަރަދަކީ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު 2.17 އިންސައްތަ އިތުރު އަދަދެކެވެ. އެގޮތުން ހުސްވި ހަފްތާ ތެރޭ އެކަނިވެސް 20.5 މިލިއަން ރުފިޔާ ވަނީ ކޯވިޑް-19އާ ގުޅުންހުރި ކަންތައްތަކަށް ހޭދަކޮށްފައެވެ.
މިހާތަނަށް ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭ އާއި ހެލްތް މިނިސްޓްރީންނެވެ. އެގޮތުން ޖުމްލަ ޙަރަދުގެ 90.6 އިންސައްތަ އަކީ މިދެ ވުޒާރާއަށް ކޮށްފައިވާ ޙަރަދުތަކެވެ. އަދި ހުސް ހަފްތާގައި އެކަނިވެސް އެންޑީއެމްއޭގެ މަސައްކަތްތަކަށް 13.5 މިލިއަން ރުފިޔާވަނީ ޙަރަދުކޮށްފައެވެ.
ކޯވިޑް-19 އަށް ސަރުކާރުން ކުރާ ހޭދައިން އެންމެ ބޮޑު ޙަރަދެއް ހިނގާފައިވަނީ މިބައްޔަށް ފަރުވާ ކުރަން ބޭނުންވާ ތަކެއްޗާއި، ޓެސްޓު ކިޓާއި ޕީޕީއީ ހޯދުމަށްކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ހާމަވެއެވެ. އެގޮތުން މި ތަކެތި ހޯދަން މިހާތަނަށް 455.3 މިލިއަން ރުފިޔާ ވަނީ ހޭދަކުރައްވާފައެވެ.
ވެންޓިލޭޓަރުތައް ހޯދުމަށާއި، ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތައް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ބޮޑެތި ޚަރަދުތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް މިކަމަށްވަނީ 178.0 މިލިއަން ރުފިޔާ ޚަރަދުފައެވެ.
ސަރުކާރުން ދަނީ ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ބޮޑު ހޭދައެއް ކުރަމުންނެވެ. ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ރައްޔިތުންގެ ދުޅަހެޔޮކަން ކަމަށް ކަމަށާއި، ކުރަން ޖެހުނު ކޮންމެ ޚަރަދެއް ކުރައްވަން ފަސްނުޖެހޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މި ހާލަތުގައި ކުރަން ޖެހިފައިވާ ބޮޑެތި ޙަރަދުތަކަށް ބޭނުންވާ ހިލޭ އެހީ ހޯދުމާއި ލޯނު ނެގުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރައްވަމުންންވެ.