ޚަބަރު

ފީދައްކައިގެން ކާނިވާ ސަރަހައްދުގައި ޕާކު ކުރެވޭނެ 52 ޖާގަ


ކާނިވާ ސަރަހައްދުގައި ފީ ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދު ޕާކް ކުރުމަށްޓަކައި 52 ވެހިކަލަކަށް އެތަނުގައި ޕާރކް ކުރުމުގެ ހުއްދަދީފިއެވެ.

އެ ތަނުގައި ޕާރކް ކުރުމަށްޓަކަށް މަހުކުލީގެ ގޮތުގައި 3000 ރުފިޔާ ދައްކަން ޖެހޭނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވއެވެ.

ކާނިވާ ސަރަހައްދުގައި ހަދާފައިވާ ޕާކިން ޒޯނުގައި ފީދައްކައިގެން ޕާކްކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލުމުން 146 ފަރާތެއް ވަނީ ކުރިމަތިލާފައެވެ. މި ސަރަހައްދުގައި 52 އުޅަނދު ޕާކުކުރެވޭނެ ޖާގަ އޮތުމުން ޖާގަ ދޭނެ ފަރާތްތައް ކަނޑައަޅާފައި ވަނީ ކުރިމަތިލީ މީހުންގެ މެދުގައި ގުރުއަތުލައިގެންނެވެ.

މާލޭގެ މަގުތަށް އަމާންކޮށް ޓްރެފިކް މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ މާލޭގެ ޕާކިންގް މައްސަލަ ހައްލުކުރުމަކީ ކައުންސިލުން އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއްކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. މިގޮތުން ހެންވޭރު ސަރަޙައްދުގެ މަގުތަކުން ޕާކިންގް ސަރަހައްދުތައް ކަނޑައަޅައި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ވަރަށް އަވަހަށް ދޫކުރުމަށް ތައްޔާރުވެފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި މިކަން ކުރުމުގެ މައިގަނޑު މަސައްކަތްތައްވެސް މިހާރު ނިންމާލާފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން މިގެ ކުރިންވެސް ވަނީ ސްޕްރީމް ކޯޓު ކުރިމަތީގައި ހަތަރު ފުރޮޅުލީ އުޅަނދަށް ޚާއްސަކޮށްގެން ޕާކިން ޒޯނެއް ހަދައި 40 އުޅަނދަކަށް ޕާކްކުރުމުގެ ހުއްދަ ދީފައެވެ.

މާލޭގެ އިތުރުން ހުޅުމާލޭގައިވެސް ޕާކިން ޒޯންތައް ތަރައްޤީކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ. މިގޮތުން ފީ ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކުރާނެ ޒޯނެއް ހުޅުމާލޭގައި ހެދުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލުން ވަނީ ފަށާފައެވެ.