ވިޔަފާރި

އިއްތިހާދުގެ ދަތުރުތައް އަންނަމަހު 16ގައި ރާއްޖެއަށް ފަށަނީ


އިއްތިހާދު އެއަރވޭސްގެ ޝެޑިއުލް ދަތުރުތައް އަންނަމަހުގެ 16ވަނަ ދުވަހު ރާއްޖެއަށް އަލުން ފެށުމަށް އެއަރލައިނުން ނިންމައިފިއެވެ.

ކޯވިޑް-19އާ ގުޅިގެން އިއްތިހާދު އެއަރވޭސްގެ ދަތުރުތަކަށް ހުއްޓެމެއް އައި ނަމަވެސް މިހާރު ދަނީ އަލުން މަންޒިލްތަކަށް ދަތުރުތައް ފަށަމުންނެވެ. އެގޮތުން ޖުލައިމަހުގެ ތެރޭ އަލުން ދަތުރުތައް ފެށުމަށް ނިންމާފައިވާ 15 މަންޒިލްގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. އަދި މި ދަތުރުތަކާއެކު އެއެއަރލައިނުން ދަތުރުތައް ފަށާފައިވާ މަންޒިލްތަކުގެ އަދަދު 40 އަށް އަރާނެއެވެ.

އަބޫދާބީގެ އެއަރލައިނެއް ކަމަށްވާ އިއްތިހާދު އެއަރވޭސްއިން ހާމަކުރާގޮތުގައި ދަތުރުތައް ކުރުމުގައި ފަސިންޖަރުންގެ ސަމާލަތާއި ރައްކާތެރިކަމަށް ޙާއްސަ ސަމާލުކަމެއްދޭނެއެވެ. އެގޮތުން ފްލައިޓު ތެރޭގައި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ބާރު އެޅުމަށްޓަކައި ބައެއް ގޮނޑިތައް ހުންނާނީ ހުސްކޮށެވެ.

އިއްތިހާދު އެއަރވޭސް ރާއްޖެއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލިއިރު، އެއަރލައިންނުން ދިޔައީ އަބޫދާބީން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ދުވާލަކު 2 ފްލައިޓް ބާއްވައެވެ.

އިއްތިހާދު އެއަރވޭސްގެ އިތުރުން އެމިރޭޓްސް އެއަރލައިންގެ ދަތުރުތައްވެސް އަންނަމަހުގެ 16 ވަނަ ދުވަހު ރާއްޖެއަށް ފެށުމަށްވަނީ ނިންމާފައެވެ. އެމިރޭޓްސްއިން ރާއްޖެއަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ދުބާއީ އާއި ރާއްޖެއާ ދެމެދުއެވެ.

ރާއްޖޭގެ ބޯޑަރު ޖުލައި 15 ވަނަ ދުވަހު އަލުން ހުޅުވުމަށް ތައްޔާރުވަމުންދާއިރު މިހާރުވެސް އޮޕަރޭޝަންތައް ފެށުމަށް 11 ބައިނަލްއަޤްވާމީ އެއަރލައިނަކުން އެދިފައިވާކަމަށް ސަރުކާރުން މީގެކުރިން މައުލޫމާތުދީފައިވެއެވެ.