އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ޙަސަން ސާއިދު ވޯލްޑް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ޗައިނާއަށް ފުރައިފިއެވެ. ވޯލްޑް އެތްލެޓިކްސް ޗެމްޕިއަންޝިޕަށް ސާއިދު ޗައިނާއަށް ފުރާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އެތްލެޓިކްސްއިން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު މުބާރާތުގައި ސާއިދު ދުވުމަށް ހަމަޖެހިފައިވަނީ ސަތޭކަ މީޓަރ ދުވުމުގައެވެ. ވޯލްޑް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާނީ ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ ވަރުގަދަ އެތްލީޓުންނެވެ. މިމުބާރާތް އޮންނާނީ މިމަހުގެ ބާވީހުން ތިރީހުގެ ނިޔަލަށް ޗައިނާގައެވެ. ވޯލްޑް އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ ޕްރިލިމިނަރީ ބުރުގައި މިމަހުގެ ބާވީސްވަނަ ދުވަހުގެ ހެނދުނު ސާއިދު ދުވުމަށްވަނީ ހަމަޖެހިފައެވެ. އެމުބާރާތުގައި އިތުރަށް ކުރިޔަށްދެވޭނީ ޕްރިލިމިނަރީ ބުރު ކާމިޔާބު ކުރެވިއްޖެނަމައެވެ.އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ތޮލާލް ޓީވީއެމް ސްޕޯޓްސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ޕްރިލިމިނަރީ ބުރު ސާއިދު ކާމިޔާބު ކުރާނެކަމުގެ ވަރަށްބޮޑު އުއްމީދެއް އެބައޮތްކަމަށެވެ. " އަޅުގަނޑު މި އުއްމީދުކުރަނީ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ފުރަތަމަ ބުރަށް ސާއިދު ކޮލިފައިވާނެކަމަށް. ޕްރިލިމިނަރީ ބުރު ކާމިޔާބުވެއްޖެނަމަ ފުރަތަމަބުރުގައި ދުވުމުގެ ފުރުޞަތު ސާއިދަށް ލިބޭނެ. ނަމަވެސް ދުނިޔޭގެ ނިސަބަތުން ވަރަށް ވަރުގަދަ އެތުލީޓުން ޕްރިލިމިނަރީ ބުރުގައިވެސް ވާދަކުރާނެ. ސާއިދުއަށް ކާމިޔާބަށް އެދެން. " ތޮލާލް ވިދާޅުވިއެވެ. ސާއިދަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ސަތޭކަ މީޓަރ ދުވުމުން ރަން މެޑަލް ހޯދި ދުވުންތެރިޔާއެވެ.