ވިޔަފާރި

އިންޑިއާގެ %38 ފަތުރުވެރިން އަންނަން ބޭނުންވަނީ ރާއްޖެއަށް


ބޯޑަރު ހުޅުވާލުމުން އިންޑިއާގެ %38 ފަތުރުވެރިން އަންނަން ބޭނުންވަނީ ރާއްޖެއަށްކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ކޮންޑެނާސްޓް ޓްރެވަލަރސް އިންޑިއާ ސަރވޭއިން ދައްކާގޮތުން އެ ޤައުމުގެ ބޯޑަރުތައް ހުޅުވާލުމުން ފަތުރުވެރިން ދަތުރުކުރަން ބޭނުންވަނީ ކޯޑިވް19 ގެ ނުރައްކާ ކުޑަ ސަރަހައްދުތަކަށެވެ. އެގޮތުން މިލިސްޓުގެ އެންމެ ކުރީގައި ހިމެނެނީ ރާއްޖެއެވެ. ސަރވޭގައި ބައިވެރިވި %38 މީހުން ވަނީ ރާއްޖެ އިހްތިޔާރުކޮށްފައެވެ.

އެ ޤައުމުގެ ގިނަ އަދަދެއްގެ ފަތުރުވެރިން މިހާރު ދަތުރުކުރަން ބޭނުންވަނީ ޕްރައިވެޓްކޮށްކަމަށް ސަރވޭގައި ވަނީ ބުނެފައެވެ. މީގެ މައިގަނޑު ސަބަބަކީ މިހާލަތުގައި އެގޮތް ރައްކާތެރިވުމާއި، އެއަރޕޯޓްގެ ދިގު ކިޔޫތަކުގައި މަޑުނުކޮށް ގިނަ މީހުންނާއި ބައްދަލުނުވެ ދަތުރުކުރެވުމެވެ.

އިންޑިއާގެ ބައެއް ފަތުރުވެރިން މުޅި އާއިލާއާއެކު ދަތުރުކުރަން ބޭނުންކަމަށް ބުނާއިރު އަނެއްބަޔަކު އަންނަން ބޭނުންވަނީ އާއިލާ ނުވަތަ ރައްޓެހިންގެ މަދުބަޔަކާއި އެއްކޮށެވެ.

ރާއްޖޭގެ އިތުރުން އިންޑިއާގެ ފަތުރުވެރިން ދެން އެންމެ ދަތުރުކުރަން ބޭނުންވާ މަންޒިލްތަކުގެ ތެރޭގައި ހިމެނެނީ ސްރީލަންކާ، ބޫޓާން، ސީޝެލްސް، އަދި ކެންޔާއެވެ. މިއީވެސް މިހާލަތުގައި ދަތުރުކުރަން ރައްކާތެރި މަންޒިލްތަކެއްކަމަށް އިންޑިއާގެ ފަތުރުވެރިން ޤަބޫލުކުރެއެވެ.

އިންޑިއާ ހިމެނެނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް މަންޒިލްގެ ތެރޭގައެވެ. މިއަހަރުގެ އެޕްރީލްމަހާއި ހަމައަށް އިންޑިއާއަކީ ރާއްޖެއަށް 2 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި މަންޒިލެވެ. މިމުއްދަތުގައި އިންޑިއާއިން ރާއްޖެއަށް 34،862 (ތިރީސްހަތަރުހާސް އަށްސަތޭކަ ފަސްދޮޅަސް ދޭއް) ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.