ވިޔަފާރި

ފުރަތަމަ ކުއާޓަރު - އެކްސްޕޯޓް 43 އިންސައްތަ ދަށަށް!


މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ އެކްސްޕޯޓް 43 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން މަޢުލޫމާތުދޭ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކްސްޕޯޓްކޮށްފައިވަނީ 71.2 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 43 އިންސައްތަ ދަށް އަދަދެކެވެ. އަދި ރީ-އެކްސްޕޯޓާއި ޑޮމެސްޓިކް އެކްސްޕޯޓްވެސް ދަށަށް ގޮސްފައިވާކަމަށްވެސް އެމްއެމްއޭގެ "ކުއާޓްލީ އިކޮނޮމިކް ބުލެޓިން"ގައިވެއެވެ.

ޑޮމެސްޓިކް އެކްސްޕޯޓުގެ ގޮތުގައި މައިގަނޑު ގޮތެއްގައި މަހާއި މަހުގެ ބާވަތްތައް ހިމެނޭއިރު، ފުރަތަމަ ކުއާޓަރުގައި އެކްސްޕޯޓްކޮށްގެން ލިބިފައިވަނީ 11 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކްސްޕޯޓްކޮށްގެން ލިބުނު 41.8 މިލިއަން ޑޮލަރާއި އަޅާބަލާއިރު 21 އިންސައްތަ ދަށް އަދަދެކެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މަހާއި މަހުގެ އުފެއްދުންތަކުން މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ދަށްވެފައިވަނީ ބޮޑު ކަންނެއްޔާއި ބަންދުކުރި މަހުގެ ބާވަތްތަކެވެ. ފުރަތަމަ ކުއާޓަރުގައި ބޮޑު ކަންނެލި ބޭރުކޮށްގެން 8.2 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 38 އިންސައްތަ ދަށްވުމެކެވެ. ދަޅުގައި އާއި އެކި ގޮތްގޮތަށް ބަންދުކޮށްގެން އެކްސްޕޯޓްކުރި މަހުގެ ބާވަތްތަކުން ފުރަތަމަ ކުއާޓަރުގައި 3.5 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިއީ 28 އިންސައްތައިގެ ދަށްވުމެކެވެ.

އިމްޕޯޓަށް ބަލާލާއިރު، ފުރަތަމަ ކުއާޓަރުގައި އިމްޕޯޓްކުރި މުދަލުގެ ސީ.އައި.އެފްގެ އަގު 46.3 މިލިއަން ޑޮލަރަށް އަރާފައިވާއިރު މިއީ 6 އިންސައްތައިގެ ދަށްވުމެކެވެ. އިމްޕޯޓް ދަށަށް ދިޔަ ބާވަތްތަކުގެ ތެރޭގައި ލަކުޑިއާއި، ދަގަނޑާއި ސިމެންތި އަދި ހިލަވެލިފަދަ އިމާރާތްކުރުމުގެ ސިނާޢަތަށް ބޭނުންވާ ތަކެތި ހިމެނެއެވެ. އެބާވަތްތަކުގެ އިމްޕޯޓް ވަނީ 21 އިންސައްތަ ދަށަށް ގޮސްފައެވެ.

ޓްރާންސްޕޯޓް އިކުއިޕްމަންޓްސްގެ އިމްޕޯޓް 31 އިންސައްތަ ދަށަށް ގޮސްފައިވާއިރު، ފަރުނީޗަރާއި އެކިކަހަލަ ފިޓިންސްގެ އިމްޕޯޓް ވަނީ 38 އިންސައްތަ ދަށަށް ގޮސްފައެވެ. ނަމަވެސް ކާބޯތަކެތީގެ އިމްޕޯޓްވަނީ 6 އިންސައްތަ އިތުރުވެފައެވެ. އަދި އިލެކްޓްރޯނިކްގެ ބާވަތްތަކުގެ އިމްޕޯޓް ވަނީ 21 އިންސައްތަ އިތުރުވެފައެވެ.