ވިޔަފާރި

އެއަރ ފްރާންސްއިން 7000 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރަނީ


އެއަރ ފްރާންސްއިން ކުރިއަށް އޮތް 3 އަހަރު ތެރޭގައި 7580 މުވައްޒަފުން ވަކިކުރާނޭކަމަށް އެ އެއަރލައިނުން ހާމަކޮށްފިއެވެ.

އެއަރ ފްރާންސްއިން 7580 މުވައްޒަފުން މަދުކުރަން ނިންމާފައިވާއިރު، މިއީ އެ އެއަރލައިންގައި މަސައްކަތްކުރާ 17.5 އިންސައްތަ މުވައްޒަފުންނެވެ. އެއަރ ފްރާންސުން މަޢުލޫމާތުދޭ ގޮތުގައި 7580 މުވައްޒަފުންގެ ތެރެއިން 3500 މުވައްޒަފުން ބަދަލު ލިބޭ ގޮތަށް އަމިއްލައަށް ވަކިވާނެއެވެ. އަދި 2022 ވަނަ އަހަރާ ހަމައަށްދާއިރު 6560 ވަޒީފާ އެއަރ ފްރާންސުން މަދުކުރާއިރު، އެއަރލައިންގެ ދަށުން ހިނގާ ސަބްސިޑަރީއެއްކަމަށްވާ "ހޮޕް"އިން ކުރިއަށް އޮތް 3 އަހަރު ތެރޭގައި 1020 ވަޒީފާ މަދުކުރާނެއެވެ.

ކޯވިޑް އެންމެ ގަދައަށް ފްރާންސްގައި ފެތުރެމުންދިޔައިރު އެއަރ ފްރާންސަށް ދިޔައީ ދުވާލަކު 16.9 މިލިއަން ޑޮލަރުގެ ގެއްލުންވަމުންނެވެ. އަދި ކޯވިޑްގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަނެވޭނީ 2024 ވަނަ އަހަރާ ހަމައަށްދާއިރުކަމަށްވެސް އެއަރލައިނުން އަންދާޒާކުރެއެވެ.

ފްރާންސް ސަރުކާރުން ވަނީ އެޤައުމުގެ އޭވިއޭޝަން ސިނާއަތަށް 17 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ތަޢާރަފްކޮށްފައެވެ. މީގެތެރެއިން 7.9 ބިލިއަން ޑޮލަރަކީ އެއަރ ފްރާންސްއަށް އެހީތެރިވުމަށް ހޭދަކުރާ ފައިސާއެވެ.

އެއަރ ފްރާންސްއިން މުވައްޒަފުން މަދުކުރަން ނިންމާފައިވާއިރު، މަތިންދާބޯޓު އުފައްދާ ފްރާންސްގެ އެއަރ ބަސް ކުންފުނިންވެސް ވަނީ 15000 ވަޒީފާ މަދުކުރަން ނިންމާފައެވެ.

ކޯވިޑްގެ ސަބަބުން އެއަރލައިން އިންޑަސްޓްރީއަށް މިއަހަރު 84 ބިލިއަން ޑޮލަރުގެ ގެއްލުމެއް ކުރިމަތިވާނޭކަމަށް އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން، އަޔާޓާއިން ބުނެއެވެ.