ކުޅިވަރު

ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި


ވަރލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަންގެ މެޗުތަކަށް ތައްޔާރުވުމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ފަރިތަކުރުންތައް ފަށައިފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ކުޅިވަރުކުޅޭ ތަންތަން ބަންދުކުރުމަށްފަހު އަލުން ހުޅުވާލުވާލުމާއިއެކު ގައުމީ ޓީމުގެ ފަރިތަކުރުންތަށް ފަށާފައިވަނީ 26 ކުޅުންތެރިންނާއިއެކުއެވެ. އެއީ އަތޮޅުތެރެއިން މާލެއަށް ދަތުރުކުރުމުގައި ދަތިތަކެއް ހުރުމާއިއެކު ބައެއް ކުޅުންތެރިން ރައްތަކުގައި ތިބުމުންނެވެ. އަދި ފަރިތަކުރުންތައް ފެށުމުގެ ކުރިން އެޗްޕީއޭއާއި ގުޅިގެން ކުޅުންތެރިން ކޯވިޑް-19 އަށް ޓެސްޓު ކުރުމަށްވެސް އެފްއޭމުން ވަނީ މަސައްކަތް ކޮށްފައެވެ.

ނަމަވެސް މިއަދު ޓީމުގެ ފަރިތަކުރުންތައް ފެށީ ކުޅުންތެރިން ސްކްރީން ކުރުމަށްފަހުއެވެ. އަދި އެއްވެސް ކުޅުންތެރިއެއްގެ ފަރާތުން ކޯވިޑް-19ގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވަގުތުން އެޗްޕީއޭއަށް އެންގުމަށް އެޗްޕީއޭއިން ވަނީ ލަފާދީފައެވެ.

މީގެކުރިން މަޝްވަރާކޮށްފައިވަނީ ސްކޮޑް ދެބަޔައް ބަހާލައިގެން ފަރިތަކުރުންތައް ކުރިއަށްގެންދާށެވެ. ނަމަވެސް އެޗްޕީއޭއާއި ޔޫތު މިނިސްޓްރީން އާންމުކުރި އުސޫލުގެ ދަށުން އެއްފަހަރާ ގިނަވެގެން 30 މީހުންނަށް އެއްވެއުޅެވޭގޮތަށް ބަދަލުގެނައުމުން، މިހާރު ފަރިތަކުރުންތައް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ޓީމު އެއްކޮށެވެ.

ގައުމީ ޓީމު އެންމެ އަވަހަށް ކުޅެންޖެހޭނީ ވަރލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި އޮކްޓޫބަރުމަހުގެ އަށްވަނަ ދުވަހު ރަށުން ބޭރުގައި ޗައިނާ އާއި ދެކޮޅަށެވެ. އަދި އޭގެ ފަހުން އޮކްޓޫބަރު 13ގައި މާލޭގައި ސީރިއާ އާއި ދެކޮޅަށް ވާދަކުރާނެ. ފަހުމެޗުގައި ނޮވެމްބަރު 17ގައި ވާދަކުރާނީ ފިލިޕީންސް އާއި ދެކޮޅަށެވެ.