ގުޅީފަޅުގައި ތަރައްޤީކުރާ ވިޔަފާރި ބަނދަރާއެކު ބޯޓުތަކުން ކޮންޓެއިނަރތައް ހުސްކުރުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީ ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރުގައި ހުރި ޖާގައިގެ ދަތިތަކާއެކު ޒަމާނީ މެޝިނަރީޒް ބޭނުންކުރުމަށް ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ. ޖާގައިގެ ދަތިތަކާއި އަދި ޒަމާނީ މެޝިނަރީޒް ބޭނުން ނުކުރެވޭތީ ބޯޓުތަކުން ކޮންޓެއިނަރތައް ހުސްކުރުމަށް 2 ނޫނީ 3 ދުވަސް ނަގާ ކަމަށެވެ.
"ކޮންޓެއިނަރ އޮޕަރޭޝަންއަށް މުޅިންވަކިން ކަނޑައެޅިފަ އޮންނަ ސަރަޙައްދުތަކެއް އިންނާނެ، މަގަތު ފާލަމުގައި ކެރޭން ހަރުކުރެވިފައިހުރުމުން 5 ގަޑިއިރު ނުވަތަ 6 ގަޑިއިރު ތެރޭ ބޯޓުން ކޮންޓެއިނަރ ހުސްކުރެވޭނެ،" ޝާހިދު ވިދާޅުވިވއެވެ.
ޝާހިދު ފާހަގަކުރެއްވި ގޮތުގައި ކާގޯ އޮޕަރޭޝަނާއި ކާގޯ ކުލިއާ ކުރުމުގެ މަސައްކަތް މަސްހުނިވެގެން މިހާރު ކުރަން ޖެހުމުންވެސް މާލެ ވިޔަފާރި ބަނދަރު ބައިނަލްއަޤްވާމީ ސްޓޭންޑަޑަށް ނުފެތޭ ކަމަށެވެ. މިއީ ދުނިޔޭގެ އެއްވެސް ހިސާބެއްގައި މިކަން ކުރާ ގޮތެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.
ގުޅީފަޅުގައި ތަރައްޤީކުރާ ބަނދަރާއެކު މި ދެ އޮޕަރޭޝަން ވަކި ކުރެވިގެންދާނެކަމަށް ޝާހިދު ވިދާޅުވިއެވެ. މާލޭ ކޮމާޝަލް ހާބަރުގައި ހުރި ޖާގައިގެ ދަތިތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޝާހިދު ވދާޅުވީ މިހާރު ބަނދަރު އޮޕަރޭޓުކުރަމުންދަނީ، އެތަނުގެ ޖާގައިގެ 50 އިންސައްތަ އިތުރަށް ކަމަށެވެ.
"މިތަނަށް އަސްލު ބޭލޭނެ ކަމަށް ކަނޑައެޅިފައި އިންނަ އަދަދަކީ އަހަރަކަށް 60،000 ނޫނީ 70،000 ކޮންޓެއިނަރ، އެކަމު މިދިޔަ އަހަރު ނިމުނުއިރު، 130،000 އަށް އަރާ އަރުވާ ބާލާފައިވާ ކޮންޓެއިނަރތަކުގެ އަދަދު،" ޝާހިދު ވިދާޅުވިއެވެ.
ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވަނީ މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ހެދި ރާއްޖޭގެ އިޤްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރުމުގެ ސަބަބުންނެވެ.
މިކަމަށް ހައްލެއް ގެނެސް ސަރަޙައްދީގޮތުން ފާހަގަކޮށްލެވޭ އަދި ޒަމާނަށްފެތޭ ބޮޑު ބަނދަރެއް އެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު މި ބަނދަރާއެކު ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގުހެޔޮވެ، އިޤްތިސާދަށް ރަނގަޅު ބަދަލެއް އަންނާނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.
ގުޅީފަޅު ޕޯޓު ތަރައްޤީކުރުމަކީ މިއަހަރަށް ސަރުކާރުން ބަޖެޓުކޮށްފައިވާ މަޝްރޫޢުތަކުގެ ތެރެއިން މުހިއްމު މަސައްކަތެކެވެ.