ކުޅިވަރު

2014 ވަނަ އަހަރުގެ އެންމެ މޮޅު ޓީޓީ ކުޅުންތެރިންނަށް އެވޯޑް ދީފި


ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިންނަށްދޭ އެވޯޑް ހަތަރު ކުޅުންތެރިއަކަށް ދީފިއެވެ.މިއަހަރުގެ މިހާތަނަށް ބޭއްވި ބައިނަލްއަޤްވާމީ ދެ މުބާރާތަކުން މެޑަލް ހޯދި ކުޅުންތެރިންނަށް ހަނދާނީ ފިލާ ދިނުމާއި، މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިންނަށް އެވޯޑް ދިނުމުގެ ޚާއްސަ ޙަފްލާ އޮތީ ރޭ ކަލާފާނު ސްކޫލްގައެވެ. މިދިޔަ އަހަރުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ ޖޫނިއަރ އަންހެން ކެޓަގަރީން ލައިސާ ފަތުޙުﷲ އިސްމާޢީލާއި، ޖޫނިއަރ ފިރިހެން ކެޓަގަރީން މުޙައްމަދު ޝައްފާން އިސްމާޢީލާއި، ސީނިއަރ އަންހެން ކެޓަގަރީން މުއީނާ މުޙައްމަދާއި، ސީނިއަރ ފިރިހެން ކެޓަގަރީން މޫސާ މުންސިފެވެ. މި ކުޅުންތެރިންނަށް އެވޯޑް ހަވާލކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމެވެ. މީގެއިތުރުން މިއަހަރު އިންޑިއާގެ ނިއުދިއްލީގައި ބޭއްވި ސައުތު އޭޝިއަން ޖޫނިއަރ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ބައިވެރިވެ ރާއްޖޭގެ ޖޫނިއަރ ފިރިހެން ތިން ކުޅުންތެރިއަކު ޓީމް އިވެންޓްގެ ބައިން ބްރޮންޒް މެޑަލް ހޯދާފައިވާތީ އެކުޅުންތެރިންނަށް ވަނީ ހަނދާނީ ފިލާ ދީފައެވެ. ދިއްލީގައި ބޭއްވި މުބާރާތުން މެޑަލް ހޯދި ކުޅުންތެރިންނަކީ މުޙައްމަދު ޒީސްތު ނަސީމް، މުޙައްމަދު މައިޒަރު އާދަމް ޒާހިރު، އަދި އަޙްމަދު މާދުއެވެ. މިޓީމްގެ ކޯޗަކީ އިބްރާހިމް ޝިއުރީއެވެ. މީގެ އިތުރުން މިމަހުގެ އެކަކުން ނުވަޔަކަށް ރީޔޫނިއަން އައިލެންޑްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވެ ޤައުމީ އަންހެން ޓީޓީ ޓީމް ބްރޮންޒް މެޑަލް ހޯދުމާ، ޑަބަލްސް އިވެންޓުން ބްރޮންޒް މެޑަލް ހޯދި ކުޅުންތެރިންނަށްވެސް ވަނީ ހަނދާނީ ފިލާ ދީފައެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ބްރޮންޒް މެޑަލް ހޯދި ކުޅުންތެރިންނަކީ އައިމިނަތު ޝިއުރާ ޝަރީފް، މުއީނާ މުޙައްމަދު، ފާޠިމަތު ޖުމާނާ ނިމާލް، މަރިޔަމް ޝަފީޤް، އަދި ޢާއިޝަތު ރަފާ ނާޒިމެވެ. މިކުޅުންތެރިންނަށް ހަނދާނީ ފިލާ ހަވާލްކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަޙްމަދު ޒުހޫރެވެ. ރޭ ބޭއްވި މިޙަފްލާ ފެށިގެންދިޔައީ ދައުލަތަށް އަގުހުރި އެތައް ޚިދުމަތްތަކެއް ކޮށްދެއްވި މަރުޙޫމް ޢަބްދުﷲ ޙަމީދުގެ ހަނދާނުގައި ގެނައި އެއް މިނިޓްގެ ސުކޫތަކުންނެވެ.