ކޯވިޑް-19ގެ ހަލަތާއި ގުޅިގެން އާއްމު ވިޔަފާރިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޑޮލަރު ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ވުރެ އިތުރަށް ބޭންކުތަކަށް ޑޮލަރު ދޫކުރަމުންދާކަމަށް އެމްއެމްއޭއިން ހާމަކޮށްފިއެވެ.
މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭގެ ގަވަރުނަރު ޢަލީ ޙާޝިމް ވިދާޅުވީ ކޯވިޑް19އާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖޭގެ ބޭންކިން ނިޒާމަށް ލިބެމުން ދިޔަ ޑޮލަރުގެ ސަޕްލައި ހުއްޓިފައިވީ ނަމަވެސް އެކި ސްޓްރެޓަޖީތައް ބޭނުންކޮށްގެން ޑޮލަރަށް އޮތް ޑިމާންޑާ އެއްވަރަށް ޑޮލަރު ފޯރުކޮށްދިނުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅަމުންދާކަމަށެވެ. އެގޮތުން ކާނާގެ ބާވަތްތަކާއި ބޭސް ފަދަ ޒަރޫރީ ތަކެތި އެތެރެކުރުމަށް ޚާއްސަކޮށްގެން ޑޮލަރު ދޫކުރަމުން ގެންދާކަމަށް ގަވަރުނަރު ވިދާޅުވިއެވެ. ގަވަރުނަރު ވަނީ ދައުލަތުގެ ރަސްމީ ރިޒާވް ތަންދޭ މިންވަރަކުން، ޑޮލަރު ފެސިލިޓީސްތައް މެދުވެރިކޮށް ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސަމުން ގެންދާނެކަމުގެ ޔަގީންކަން އަރުވާފައެވެ.
ރާއްޖެއަށް ބޭނުންވާ މިންވަރަށް ޑޮލަރު ހޯދަމުންދާކަމަށް ގަވަރުނަރު ވިދާޅުވެފައި މިވަނީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލިފައިވާ ދަނޑިވަޅެއްގައެވެ
ރާއްޖޭގައި ޑޮލަރުގެ ރަސްމީ ރޭޓަކީ 15.42 ރުފިޔާއެވެ. ނަމަވެސް ބައެއް ފަރާތްތަކުން މި ދަނޑިވަޅުގެ ނާޖާއިޒް ފައިދާ ނަގާ، ޑޮލަރުގެ ތާށިކަމެއް އުޅެނީ ކަމަށްބުނެ ކަޅު ބާޒާރުގައި ޑޮލަރު އަގުބޮޑުކޮށް ދަނީ ވިއްކަމުންނެވެ. ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު އުޅެނީ 16 ރުފިޔާއާއި 18 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.
ކޯވިޑް19އާ ގުޅިގެން ޑޮލަރުގެ އަގު އުފުލިގެންދާނެ ކަމަށް ބައެއް ފަރާތްތަކުން ކުރިންވެސް ދިޔައީ ބުނަމުންނެވެ. އެހެން ނަމަވެސް ޑޮލަރުގެ ތާށިކަމެއް ނާންނާނެކަމަށް ސަރުކާރުން އަބަދުވެސް ދަނީ ބުނަމުންނެވެ.
އެމްއެމްއޭއިން ހާމަކުރާގޮތުން މިދުވަސްކޮޅު ޑޮލަރުގެ ޑިމާންޑު ބޮޑުވެ،، އަގު އުފުލެންވީ އެއްވެސް ސަބަބެއް ނެތެވެ. އެގޮތުން ޑޮލަރުގެ ބޭނުން އެންމެ ބޯޑަށް ޖެހެނީ އިމްޕޯޓު ކުރާ ފަރާތްތަކަށް ކަމަށްވާއިރު، ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް މުދާ އިމްޕޯޓުކުރާ މިންވަރުވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
މުދާ އިމްޕޯޓްކުރުމުގެ އިތުރުން ޑޮލަރުގެ ބޭނުން ޖެހޭ ބަޔަކީ އެކި ބޭނުންތަކަށް ޤައުމުން ބޭރަށް ފުރާ މީހުންނެވެ. ނަމަވެސް ކޯވިޑް-19އާ ގުޅިގެން ޤައުމުން ބޭރަށް ކުރާ ދަތުރުތައް އޮތީ ހުއްޓިފައެވެ. އަދި އާއްމުގޮތެއްގައި އަހަރުގެ މިހާ ހިސާބަށް ދާއިރު، ހައްޖަށް ފުރާ މީހުންގެ ފަރާތުން ޑޮލަރަށް ބޮޑު ޑިމާންޑެއް އޮވެއެވެ. އެހެން ނަމަވެސް މިއަހަރު ރާއްޖެއިން ހައްޖަށް ބަޔަކު ނުފުރައެވެ. އެހެންކަމުން ޑޮލަރުގެ ޑިމާންޑު މިދުވަސްކޮޅު ދަށްވާނެ ކަމަށް އެމްއެމްއޭއިން ދެކެއެވެ.
އެމްއެމްއޭއިން ޑޮލަރު ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެ ބޭންކާއި ރިޒާވް ބޭންކް އޮފް އިންޑިއާއާ ދެމެދު ވެފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން ޔޫއެސް ޑޮލަރު އެމްއެމްއޭއިން ވަނީ ހޯދާފައެވެ. އަދި އިންޓަނޭޝަނަލް ފިނޭންސް ކޯޕަރޭޝަން، އައިއެފްސީން ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމާފައިވާއިރު މީގެ ސަބަބުން ޑޮލަރު ލިބުން އިތުރުވެގެންދާނެކަމަށް އެމްއެމްއޭއިން ދެކެއެވެ.
މީގެއިތުރުންވެސް ލޯން އެހީގެ ގޮތުގައި ރާއްޖެއަށް ގިނަ އަދަދެއްގެ ފައިސާ ޑޮލަރުން ލިބިފައިވާކަން އެމްއެމްއޭއިން ފާހަގަކުރެއެވެ. އެގޮތުން ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް، އީއައިބީން ރާއްޖެ އަށް 22.6 މިލިއަން ޑޮލަރު ނުވަތަ 349.5 މިލިއަން ރުފިޔާގެ ލޯނެއް، ދަ އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމެންޓް ބޭންކް، އޭއައިއައިބީން ވަނީ ރާއްޖެއަށް 7.3 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމާފައެވެ. އަދި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް، އޭޑީބީން ވަނީ ރާއްޖެއަށް 50 މިލިއަން ޑޮލަރު ދީފައި، މީގެ ތެރެއިން 25 މިލިއަން އަކީ ހިލޭ އެހީ، 25 މިލިއަން އަކީ ކޮންސެޝަނަލް ލޯނެކެވެ.
މުހައްމަދު އިބުރާހިމް
އެއްވެސްވަރަކަށް ތިލިޔެފަ ހުރިގޮތާ ކަންވަމުންދާގޮތާ ދިމާނުވޭ މިދިޔަ ހަފުތާހަވެސް ކުޑަ މުދާކޮޅެއް ގެނައުމަށް ބޭނުންވާ ޑޮލަރުކޮޅު ހޯދަން ބީއެމްއެލް އަށް ގުޅާލުމުން އެބޭފުޅުން ވިދާޅުވީ ބެންކުން ދެވޭނީ 20% ކަމަށް، އަގު ކޮންޓްރޯލް ކުރައްވަން ބޭނުންފުޅުވާނަމަ މިދަތި ދުވަސްކޮޅުގަ ފޮނުވާ ޓީޓީ ގެ 80% ބެންކުން ދޭނެ، ބެންކުން އެގޮތަށް ނުދިނުމުގެ ނަތީޖާއަކީ މިހާރު ގަންނަންލިބެނީ 19.50 އަށް. މިކަން ސަރުކާރުން ހައްލު ކޮށްދެއްވުމަކީ ވަރަށްވެސް މުހިއްމުކަމެއް.