ވިޔަފާރި

ސްރީލަންކަން އެއަރލައިންގެ ޝެޑިއުލް ދަތުރުތައް މިމަހު 15ގައި ރާއްޖެއަށް


ސްރީލަންކަން އެއަރލައިންގެ ޝެޑިއުލް ދަތުރުތައް މިމަހުގެ 15ވަނަ ދުވަހު ރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ. އެގޮތުން އެދުވަހުގެ ހެނދުނު ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯއިން ފުރައިގެން ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ފްލައިޓުގެ ޓިކެޓު މިހާރުވަނީ ވިއްކަން ފަށާފައެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ސްރީލަންކަން އެއަރލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް އޭސް އޭވިއޭޝަންގެ މެނޭޖިންގެ ޑިރެކްޓަރ މުޙައްމަދު ފިރާޤް ވިދާޅުވީ މިހާތަނަށް ގާތްގަނޑަކަށް 70 ވަރަކަށް ސީޓު ވިކިފައިވާ ކަމަށެވެ.

ރާއްޖޭގެ ބޯޑަރުތައް ފަތުރުވެރިންނަށް ހުޅުވާލުމަށް ހަމަޖެހިފައިވާ ތާރީޙުގައި ސްރީލަންކަންއިން ފަސިންޖަރުންނާއެކު ރާއްޖެއަށް ދަތުރުތައް ބޭއްވުމަށް ނިންމާފައިވާއިރު، އެއަރލައިނުންވަނީ ހަފްތާއަކު ތިން ދަތުރު ރާއްޖެއަށް ކުރުމަށް ރާވާފައެވެ.

މި ފްލައިޓުތަކުގައި ދުނިޔޭގެ އެހެން ހިސާބުތަކުން ރާއްޖެއަށް އަންނަން ބޭނުންވާ ފަރާތްތަކާއި އަދި ރާއްޖެއިން އެހެން ހިސާބުތަކަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ކަނެކްޓިންގެ ފްލައިޓްތައް އޮންނާނެކަމަށް ފިރާޤު ވިދާޅުވިއެވެ.

ސްރީލަންކަން އެއަރލައިންސުން ދިޔައީ ފަސިންޖަރުން ގޮވައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދުވާލަކު 3 ދަތުރުކުރަމުންނެވެ. އަދި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް ހަފްތާއަކު 3 ދަތުރު ބާއްވަމުންނެވެ.

ކޯވިޑް-19އާ ގުޅިގެން ފަސިންޖަރުންނާއެކު ކުރާ ދަތުރުތައް ހުއްޓުމަކަށް އައުމާއި ގުޅިގެން ސްރީލަންކަންއިން ދިޔައީ ކާގޯ ފްލައިޓުތައް ރާއްޖެއަށް ބާއްވަމުންނެވެ.