ޚަބަރު

ގެސްޓްހައުސް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނަރަލް މަޤާމުން ވަކިކޮށްފި


ގެސްޓްހައުސް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމުގައި ހުރި ސައުދުﷲ އަހުމަދު، އެ މަޤާމުން ވަކިކޮށްފިއެވެ.

ގެސްޓްހައުސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ގެސްޓް ހައުސް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުންނާއި، ހިންގާ ކޮމިޓީގެ މެމްބަރުކަމުގެ މަޤާމުން ސައުދުﷲ ވަކިކުރުމަށް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީން ނިންމާފައިވާކަމަށެވެ. އަދި އޭނާ މަޤާމުން ވަކިކުރުމަށް ނިންމީ ހިންގާ ކޮމިޓީގެ 14 މެމްބަރުންގެ އިއްތިފާޤުންކަމަށްވެސް ގެސްޓްހައުސް އެސޯސިއޭޝަންގެ ބަޔާނުގައިވެއެވެ.

ގެސްޓްހައުސް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމުން ސައުދުﷲ ވަކިކޮށްފައިވާއިރު، އެ އެސޯސިއޭޝަންގެ ރައީސް މޫސާ ނާސިޙް ވަނީ މިދިޔަ ބުރާސްފަތިދުވަހު މަޤާމުން އިސްތިއުފާދެއްވާފައެވެ. އޭނާ އިސްތިއުފާ ދިނީ އެ އެސޯސިއޭޝަންގެ އިސް މަޤާމެއްގައި ހުރި މީހަކު އެސޯސިއޭޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް ހުށައެޅި އެމައްސަލަ އެކަށީގެންވާ ގޮތެއްގައި ބެލެމުން ނުދާތީކަމަށް ބުނެއެވެ.