ވިޔަފާރި

ރާއްޖެ އާދެވުމުން ފަތުރުވެރިން އުފަލުން ފޮޅިއްޖެ


ޤުދުރަތީގޮތުން ރާއްޖެއަށް ލިބިފައިވާ މުއްސަނދިކަމާއެކު ދިވެހިރާއްޖެވެފައި ވަނީ ދުނިޔޭގެ ފެންވަރުގައިވެސް ފަތުރުވެރިންގެ މެދުގައި އެންމެ މަޤުބޫލު އެއް މަންޒިލަށެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ދުނިޔޭގެ ދަތުރުފަތުރު ހުއްޓުމަކަށް އައުމާއެކު 48 އަހަރުވެފައި އޮތް ފަތުރުވެރިކަމުގެ ދާއިރާ ހުއްޓުމަކަށް ދިޔައެވެ. ނަމަވެސް ބޭރުގެ ފަތުރުވެރިންގެ މެދުގައި ރައްޖެއަށްއޮތް މަޤުބޫލުކަން އެއްވެސް ވަރަކަށް ކުޑަވެފައެއް ނުވެއެވެ.

އެތައް ދުވަހެއް ފަހުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި ފުރަތަމަ ފްލައިޓުން ރާއްޖެއަށް އައި ފަތުރުވެރިން އެއަރޕޯޓަށް ފޭބިއިރު އެމީހުންގެ މޫނުމަތިން ހިނިތުންވުމާއި އުފާވެރިކަން ފެނިގެންދިޔައެވެ. ލަގެޖް ކްލެއިމްކޮށް އެރައިވަލް ޓާމިނަލަށް ނުކުތް ގިނަ ފަތުރުވެރިންގެ ކިބައިން އެމީހުން ރާއްޖެއަށް އައުމަށް ބޭނުންވެފައި ހުރި މިންވަރު ކިތަންމެހާވެސް ސާފުކޮށް ފެނިގެންދެއެވެ. ބައެއް ފަތުރުވެރިން ބަލާ އައިސްތިބި ރިޒޯޓުތަކުގެ ރެޕުންނާއި ވާހަކަ ދައްކަމުންދިޔައިރުވެސް އެމަންޒަރުތައް ދިޔައީ ފެންނަމުންނެވެ.

ޕީއެސްއެމް ނިއުސްއިން ވާހަކަދައްކާލި ފަތުރުވެރިންގެ ވާހަކަތަކުންވެސް އެމީހުން އުފާވެފައި ހުރި މިންވަރު އެނގިގެންދިޔައެވެ. މިގޮތުން އެމެރިކާއިން އައި ދެމަފިރިން ކަމުގައިވާ ޕީޓަރ އަދި ވެރޯނިކާ ބުނީ މިއީ ކޯވިޑް-19 އަށްފަހު ވެކޭޝަނެއްގައި ދަތުރުކުރި ފުރަތަމަ ފަހަރުކަމުގައެވެ. ރާއްޖެއަކީ އަބަދުވެސް އަންނަ ބޭނުންވި މަންޒިލެއްކަމަށް އެމީހުން ބުންޏެވެ. މިދެމަފިރިން ބުނީ ރާއްޖޭގެ އެއަރޕޯޓުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ދުނިޔޭގެ އެހެން އެއަރޕޯޓުތަކުގައިވެސް އަޅާފައިވާފަދަ ރަނގަޅު ފިޔަވަޅުތަކެއްކަމުގައެވެ.

"ރިސޯޓަށްގޮސް ޗުއްޓީ ހޭދަކޮށްލުމަށް ކެތްމަދުވެފައި މިތިބީ" ޕީޓަރ އަދި ވެރޯނިކާ ބުންޏެވެ.

އަންހެނުން ގޮވައިގެން ދަތުރުކުރި އިތުރު ފަތުރުވެރިއެއް ބުނީ ރާއްޖެއަށް އައީ މިއީ ތަފާތު މަންޒިލަކަށް ވާތީކަމަށެވެ. އަދި މިއީ އެތައް ޒަމާނެއް ވަންދެން އަންނަން ބޭނުންވި މަންޒިލެއްކަމަށެވެ.

"ރާއްޖޭގެ ކަންތައްތައް ތަޖުރިބާކޮށް، މަޖާ ދަތުރަކަށް ހަދާލަން ބޭނުން" ފަތުވެރިޔާ ބުންޏެވެ.

ރާއްޖެއަށް ރާޅާއަޅަން ޒިޔާރަތްކުރި އޮސްޓްރޭލިއާގެ ގްރޫޕެއްގައި ހިމެނޭ ފަތުރުވެރިއެއް ބުނީ ބޯޑަރު ހުޅުވާލުމުން ރާއްޖެ ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިންގެ ތެރޭގައި ހިމެނުމުން އުފާވާކަމަށެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރީ ހުރިހާކަމެއް ރޭވިފައިވާ ގޮތާއިމެދުވެސް ހިތްހަމަޖެހޭތީކަމަށެވެ.

ރާއްޖެއަށް ހަތް ވަނަ ފަހަރަށް ދަތުރުކުރި ދެމަފިރިއެއް ބުނީ އަބަދުވެސް ރާއްޖެއަށް އައުމަކީ ހިތްހަމަޖެހުން ލިބޭ ކަމެއްކަމަށެވެ. އަދި މިފަހަރު ތަފާތު ރިޒޯޓެއްގައި ތިބެ، އިތުރު އުފާވެރި ތަޖުރިބާތަކެއް ކުރަން ތައްޔާރަށް ތިބިކަމަށް އޭނާ ބުންޏެވެ.

ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤުބޫލުކަން އޮތް މިންވަރަކީ އެއްވެސް ބަޔަކަށް އޮޅިފައި އޮތްކަމެއް ނޫނެވެ. ބޯޑަރު ބަންދުކޮށްފައި އޮތް އިރު އޭޝިއާ، ޔޫރަޕް، މެދުއިރުމަތި އަދި އެމެރިކާގައި ހަދާފައިވާ އެކި ސާރވޭތަކުގެ ލިސްޓުގެ އެންމެ ކުރީގައި، އެންމެ މަޤުބޫލު މަންޒިލެއްގެ ގޮތުގައި އޮތީ ރާއްޖެއެވެ. މިޝަރަފު ރާއްޖެއަށް ލިބޭއިރު ޤައުމަށް އަންނަ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ގިނަ ފިޔަވަޅުތަކެއް އާޅާ މަސައްކަތް ކުރަމުންނެވެ.