ޚަބަރު

ގެއްލުނު ޒުވާނާ ހޯދަން ޑައިވްކުރަން ފަށައިފި


މާލެއިން ފުރައިގެން އދ.މަހިބަދޫއަށް ދަތުކުރަމުން ދިޔަ ދޯންޏަކުން ގެއްލުނު ޒުވަނާ ހޯދުމަށް އެމްއެންޑީއެފްގެ ޑައިވަރުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން މަޢުލޫމާތުދެއްވާ ގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ އދ މާންދޫ ރަތްވިލާގެ އުމުރުން 27 އަހަރުގެ އަލީ ޝާހްއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ މީނާއަކީ އެރަށަށް ހޯމް ކަރަންޓީންވުމަށް ދަތުރުކުރަމުން ދިޔަ ޒުވާނެއްކަމަށެވެ. އަދި މިނާ ދޯނީގައި ނެތްކަން އެނގުނީ މާލެއިން ފުރައިގެން ގޮސް މާންދޫ ފަޅަށް ވަދެ ފާލަމާ ކައިރިކުރި ފަހުންކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. އެހެންނަމަވެސް އެ ރަށުގެ ނެރުން ދޯނި ވަން އިރުވެސް އެނާ ދޯނީގައި ހުރިކަމަށްވެސް ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ގެއްލުނު ޒުވާނާ ހޯދަން އެމްއެންޑީއެފް މާލެ އޭރިއާގެ ކޯސްޓްގާޑުގެ ސްކޮޑްރަންގެ ޑައިވަރުން ހަރަކާތްތެރިވަމުންދާކަމަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ޒުވާނާ ދޯނީގައި ނެތްކަން އެނގިގެން އެ އިދާރާއަށް ރިޕޯޓްކޮށްފައިވަނީ ދަންވަރު 2:10 އެހާކަންހާއިރުކަމަށެވެ. އަދި މި ހާދިސާ ހިނގާފައިވަނީ އޭގެ ގަޑިރެއްހާއިރު ކުރިންކަމަށް ދޯނީގެ ކެޕްޓަނާއި ހަވާލާދީ ކޯސްޓްގާޑުން ވިދާޅުވެއެވެ.

މި ޒުވާނާ ލައިގެން ހުރީ މުށިކުލައިގެ ގޮޅިޖެހި އަތްދިގު ގަމީހަކާއި އަޅިކުލައިގެ ޖިންސެއްކަމަށް ދޯނީގެ ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފް ކޯސްޓްގާޑުން ވިދާޅުވެއެވެ. އޭނާ ހޯދުމުގެ މަސައްކަތުގައި އދ.މަންދޫ ރައްޔިތުންނާ އދ.މަހިބަދޫ ޕޮލިސް ސްޓޭޝަނާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އަންނަނީ ކުރަމުންނެވެ.

މި މީހާ އާބެހޭ އެއްވެސް ޚަބަރެއް ވޭތޯ، މިސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި މި ހިސާބުގެ ރަށް ތަކުން ބަލައިދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކުރައްވައެވެ. އަދި މީނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކުރެއްވުމަށްވެސް ކޯސްޓްގާޑުން އެދިވަޑައިގަންނަވައެވެ.