ޚަބަރު

ބިދޭސީން ގައުމަށް އަނބުރާ ފުރުވާލުމުގެ މަސައްކަތް ގަން އެއަރޕޯޓުގައިވެސް ފަށައިފި


ޤައުމަށް އަނބުރާ ދާން ބޭނުންވާ ބިދޭސީން ޤައުމުތަކަށް ފުރުވާލުމުގެ މަސައްކަތް ގަން އެއަރޕޯޓުގައިވެސް ފަށައިފިއެވެ.

މޯލްޑިވިއަންއިން ބުނީ އަނބުރާ ޤައުމަށް ދާން ބޭނުންވާ ބިދޭސީން ފުރުވާލުމަށްޓަކައި އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން މިއަދު ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ފްލައިޓެއް ބާއްވާފައިވާކަމަށެވެ. އަދި ފްލައިޓްގައި ބަންގްލަދޭޝްގެ 135 މީހަކު އަނބުރާ ޤައުމަށް ގޮސްފައިވާކަމަށް މޯލްޑިވިއަންއިން ބުނެއެވެ.

ސަރުކާރުން ގެންދަވަނީ ޤަވާއިދާއި ޚިލާފަށް މަސައްކަތްކުރަމުން އަންނަ މީހުންނާއި ޤަވާއިދާ އެއްގޮތަށް ތިބި މީހުންގެ ތެރެއިން ކޯވިޑް-19އާ ގުޅިގެން އަނބުރާ ޤައުމަށްދާން ބޭނުންވާ ގިނަ ބަޔަކު ޤައުމުތަކަށް ފޮނުވާލަމުންނެވެ.

އިމިގްރޭޝަނުން ޕީއެސްއެމް ނިއުސްއަށް ހިއްސާކުރި، ތަފާސް ހިސާބަށް ބަލާއިރު މިހާތަނަށް ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި ތިބި ބިދޭސީން ފޮނުވާލުމަށް ކުރިއަށްގެންދާ އޮޕަރޭޝަނުގައި ޖުމުލަ 13532 މީހުން ވަނީ ފޮނުވާލެވިފައެވެ. އޭގެތެރޭގައި ބަންގްލާދޭޝްއަށް ނިސްބަތްވާ 5014 މީހުންނާއި އިންޑިއާގެ 5026 މީހުން ހިމެނެއެވެ. މީގެ އިތުރުން ސްރީލަންކާގެ 1393 މީހަކާއި އިންޑޮނޭޝިއާގެ 809 މީހަކާއި ފިލިޕިންސްގެ 336 މީހަކާއި ތައިލެންޑުގެ 350 މީހެއްގެ އިތުރުން ނޭޕާލުގެ 604 ރައްޔިތުން ވަނީ މިހާތަނަށް ފޮނުވާލާފައެވެ.