ޚަބަރު

މާލޭގެ 3 މިސްކިތެއް ޑިސްއިންފެކްޓުކުރުމަށް ބަންދުކޮށްފި


މާލޭގެ 3 މިސްކިތަކަށް ކޯވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ބަޔަކު ގޮސްފައި ވާތީ މިސްކިތްތައް ޑިސްއިންފެކްޓްކުރުމަށް ބަންދުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ކޯވިޑަށް ޕޮޒިޓިވްވި މީޙުން ގޮސްފައިވާ މިސްކިތްތަކަކީ މަސްޖިދު ސުލްތާން ޙަސަން ޢިއްޒުއްދީންއާއި މަސްޖިދުލް ސުލްތާން މުޙައްދު އިމާދުއްދީން އަދި މަސްޖިދު އަފީފުއްދީންއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި މިސްކިތްތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުންދާކަމަށާއި އެ މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން އެ މިސްކިތްތައް ހުޅުވާލާނެކަމަށެވެ.

މިއީ މިސްކިތައް ދިޔަބައެއްގެ ތެރެއިން ޕޮޒިޓިވް ކޭސްއެއް ފެނުން ނުވަތަ ބައްޔަށް ޕޮޒިޓިވް ވެފައިވާ ބަޔަކު މިސްކިތްތަކަށް ދިޔުން ފަދަ ކަމެއް މެދުވެރިވެގެން މިސްކިތްތަކެއް ބަންދުކުރި ފުރަތަމަ ފަހަރެވެ.

ކޯވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވޅުތަކުގެ ތެރޭގައި މީގެ ކުރިން މިސްކިތްތައް ބަންދުކުރިއެވެ. އަދި މާލެއިން ފުރަތަމަ ކޯވިޑް ގެ ކޭސްއެއް ފެނުމުން މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރުން މެދުކަނޑާލައި މިސްކިތްތައް ބަންދުކުރިއެވެ.

3 މަސްދުވަހުގެ މެދުކަނޑުމަކަށްފަހު މާލެ ސަރަޙައްދުގައި ޖަމާޢަތުގައި ނަމާދުކުރަން ފަށާފައި ވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. އަދި ހުކުރު ނަމާދުކުރަން ފަށާފައި ވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

މާލެ ސަރަހައްދުގައި ޖަމާޢާތުގައި ނަމާދުކުރަން ފެށުމާއިއެކު އެއްވެސް ނަމާދެއް 7 މިނެޓަށްވުރެ ދިގު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިމާމުންނަށް އަންގަވާފައެވެ. އަދި ބަންގިއަށްފަހު 5 މިނެޓުގެ ތެރޭގައި ގަމަތްދީ ނަމާދުކުރަން ފަށަން ޖެހޭނެއެވެ. މީގެ އިތުރުން ހުރިހާ ނަމާދެއްގައިވެސް ޟުޙާ ސޫރަތުން ފެށިގެން ތިރީގެ ކުރު ސޫރަތްތައް ކިޔެވުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ އިމާމުންނަށް އަންގަވާފައެވެ.