ޚަބަރު

ފުލުހުންގެ ލެބްގައި ކޯވިޑް-19ގެ 10000 ޓެސްޓް ހަދައިފި


ފުލުހުންގެ ލެބްގައި ކޯވިޑް-19 ވައިރަސް ދެނެގަތުމަށް މިހާތަނަށް ދިހަ ހާސް ޓެސްޓް ހަދައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވަނީ ފުލުހުންގެ ފޮރެންސިކް ސާވިސްގެ އޮފިސަރުން ހަފްތާއެއްގެ ތެރޭގައި 1000 ޕީސީއާރު ޓެސްޓް ހަދާކަމަށެވެ. އަދި އެކިއެކި މައްސަލަތަކާ ގުޅޭ 100 އެއްހާ ފޮރެންސިކް އެވިޑެންސް ވެސް ކޮންމެ މަހަކު ޕްރޮސެސް ކުރަމުން އަންނަކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވެފައިވެއެވެ. ފުލުހުންގެ ފޮރެންސިކް ލެބްގައި ޓެސްޓް ހަދަން ފަށާފައިވަނީ އޭޕްރީލް މަހުގެ ތެރޭގައެވެ.

ފުލުހުންގެ އިދާރާއިން 10000 އަށް ވުރެ ގިނަ ޓެސްޓް ހަދާފައިވާއިރު އައިޖީއެމްއެޗުން ވަނީ 50000 އަށް ވުރެ ގިނަ ޕީސީއާރު ޓެސްޓް ހަދާފައެވެ. ރާއްޖޭގައި މިހާރު ކޯވިޑް-19 އަށް ޓެސްޓްކުރުމުގެ މަސައްކަތް އައްޑޫއާއި އޭޑީކޭ ހޮސްޕިޓަލުގައިވެސް ދަނީ ކުރަމުންނެވެ. މީގެ އިތުރުން އަތޮޅުތަކުގެ ރަށްތަކުގައިވެސް ކޯވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ކޯވިޑް-19 އަށް ޓެސްޓް ކުރުމަށްޓަކައި މިހާތަނަށް މުޅި ރާއްޖެއިން 68 ހާހަށްވުރެ ގިނަ ސާމްޕަލް ވަނީ ނަގާފައެވެ. ރާއްޖެއިން ކޯވިޑް ފެނުނުތާ މިއަދަށް 137 ދުވަސް ވާއިރު ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ ތިންހާހަށްވުރެ މައްޗަށް އަރާފައެވެ. 617 މީހަކަށް ފަރުވާދެމުންދާއިރު 53 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ރާއްޖެއިން މިހާތަނަށް މި ބަލިން ރަނގަޅުވެފައި ވަނީ 2397 މީހުންނެވެ.