ކުޅިވަރު

22 ފުޓްސެލް ދަނޑާ 80 ބަށި ކޯޓް އަޅަނީ


ބާވީސް ރަށެއްގެ ފުޓްސެލް ދަނޑާ އަށްޑިހަ ރަށެއްގެ
ބަށި ކޯޓް އެޅުމުގެ އެއްބަސްވުމެއްގައި ޔޫތް މިނިސްޓްރީއާ އެމް.އާރް.ޑީ.ސީއާ
ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި.

ސަރުކާރުން ހިންގާ ސްޕޯރޓްސް އެރީނާ
ޕްރޮޖެކްޓްގެ ދަށުން މިއަދު ކުރިއަށްދިޔަ މި އެއްބަސްވުމުގައި ޔޫތް މިނިސްޓްރީގެ
ފަރާތުން ސޮއިކުރެއްވީ ޔޫތް މިނިސްޓަރ އަހުމަދު ޒުހޫރުއެވެ. އަދި އެމް.އާރް.ޑީ.ސީގެ
ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޒީމްއެވެ.

މިއަދު
ފުޓްސަލް ދަނޑު އެޅުމަށް އެއްބަސްވެވިފައިވަނީ ހދ އަތޮޅުގެ ފަސް ރަށަކާ، ރ.އަތޮޅުގެ ހަތަރު ރަށަކާ، ފ.އަތޮޅުގެ ދެ ރަށަކާ، ލ.އަތޮޅު
ފޮނަދޫއާ، ގއ.އަތޮޅުގެ ހަތަރު ރަށަކާ، ގދ.އަތޮޅުގެ ފަސް ރަށަކާ އައްޑޫ ސިޓީގެ
މަރަދޫފޭދޫ ގެ ފުޓްސެލް ދަނޑެވެ.

މި އެއްބަސްވުމުގެ ދަށުން އެޅުމަށް
ހަމަޖެހިފައިވާ އަށްޑިހަ ބަށިކޯޓުގެ ތެރޭގައި ހިމެނެނީ ހއ.އަތޮޅުގެ އެގާރަ ރަށަކާ،
ހދ.އަތޮޅުގެ ބާރަ ރަށަކާ، ރ.އަތޮޅުގެ ބާރަ ރަށަކާ، ބ.އަތޮޅުގެ އަށް ރަށަކާ،
ޅ.އަތޮޅު އޮޅުވެލި ފުއްޓާ، ކ.އަތޮޅު ގުޅިއާ، ވ.އަތޮޅުގެ ދެ ރަށަކާ، މ.އަތޮޅުގެ ދެ
ރަށަކާ، ފ.އަތޮޅުގެ ހަތަރު ރަށަކާ، ލ.އަތޮޅުގެ އަށް ރަށަކާ، ގއ.އަތޮޅުގެ އަށް
ރަށަކާ، ގދ.އަތޮޅުގެ ނުވަ ރަށަކާ، ސ.އަތޮޅުގެ ހަތަރު ރަށެކެވެ.

މި ހަފްލާގައި ޔޫތް މިނިސްޓަރ އަހުމަދު ޒުހޫރު ވިދާޅުވީ މި އަންނަ މަހުވެސް
އިތުރު ބާވީސް ރަށެއްގެ ފުޓްސެލް ދަނޑާ އަށްޑިހަ ރަށެއްގެ ބަށި ކޯޓް އެޅުމަށް 
އެއްބަސްވުމުގައި ސޮއިކުރެވިގެން ދާނެކަމަށާ ކޮންމެ ފިޔަވައްސެއްގައިވެސް ރަށްތައް
ކަނޑައެޅިގެން ދަނީ އެ ރަށްތަކެއްގެ އާބާދީއަށް ބަލައިގެން ކަމަށެވެ.



"އަޅުގަނޑުމެން
މި ގެންދަނީ އަހަރުތަކަށް ބަހާލައިގެން، އެގޮތުން އެންމެ އާބާދީ ގިނަ
ރަށްތަކުގަ އެންމެ ފުރަތަމަ އެޅިގެން މި ދިޔައީ. އެގޮތުން ފަސް އަހަރަށް
ބަހާލައިގެން ރާއްޖޭގެ ސަތޭކަ ނުވަދިހަ ރަށުގެ މަސައްކަތް ކުރިއަށް ގެންދެވޭތޯ
އަޅުގަނޑުމެން މި ބަލަނީ. އެގޮތުން ދެވަނައަށް އެންމެ އާބާދީ ގިނަ ރަށްތަކުގަ
މިއަހަރު މަސައްކަތްތައް ފެށިގެން މި ދަނީ. އެގޮތުން އެއްހާސް މީހުން ހަމަވާ
ރަށްތަކުގަ ގާތްގަނޑަކަށް މިއަހަރު ތެރޭގައި އެޅިގެން ދާނެކަމަށް" ޔޫތް
މިނިސްޓަރ ވިދާޅުވިއެވެ.



އެމް.އާރް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް
ނަޒީމް ވިދާޅުވީ މި މަސައްކަތްތައް ކުރިއަށްއޮތް ހަފްތާތެރޭގައި ފެށިގެން
ދާނެކަމަށާ އުއްމީދުކުރަނީ މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން
ނިންމާ މިނިސްޓްރީއާ ހަވާލުކުރެވޭނެކަމަށެވެ.