ފިލިޕީންސްގައި
ރާއްޖެގެ ޤައުމީ ޓީމް ކުރާ ކޭމްޕަކީ މިހާތަނަށް ރާއްޖޭގެ ޓީމް ޤައުމުން ބޭރުގައި
ކުރާ އެންމެ ރަނގަޅު ކޭމްޕްކަމަށް ޤައުމީ ޓީމާ ވަގުތީ ގޮތުން ހަވާލުވެހުރި ކޯޗް
އިސްމާއިލް މަހުފޫޒް ބުނެފިއެވެ.
ރާއްޖޭގެ
ޓީމް ފިލިޕީންސްގައި ތިބެނީ ފެންވަރު ރަނގޅު ހޮޓަލެއްގައެވެ. އަދި ތަމްރީން ކުރާ
ސްޓޭޑިއަމް ހުންނަނީ ހޮޓަލާ ވަރަށް ކައިރީގައެވެ. މަހުފޫޒް ގަޤަބޫލްކުރާގޮތުގައި މީ ވަރަށް ރަނގަޅު ކޭމްޕެކެވެ. އަދި މި ކޭމްޕުގައި ރާއްޖެ ކުޅޭ ދެ މެޗަކީވެސް ރަނގަޅު ދެ
މެޗަށް ވެގެންދާނެކަމަށް މަހުފޫޒް ގަބޫލްކުރެއެވެ.
ވޯލްޑްކަޕް ކޮލިފިކޭޝަންގައި އަންނަ މަހު އަށްވަނަ ދުވަހު ޗައިނާގައި އެޤައުމާ ވާދަކުރާ މެޗަށް ތައްޔާރުވުމަށް ކުރާ މި ކޭމްޕްގައި ރާއްޖެ ފުރަތަމަ މެޗުގައި
ބައްދަލްކުރާނީ ފިލިޕީންސްގެ އެއްވަނަ ޑިވިޜަންގެ ޓީމެއްކަމަށްވާ ސްޓެލިއޮން
އެފްސީއާ އެވެ. ދެވަނަ މެޗުގައި އަންނަ މަހުގެ ތިންވަނަ ދުވަހު ބައްދަލްކުރާނީ
ފިލިޕީންސްގެ ޤައުމީ ޓީމާއެވެ.
މަހުފޫޒް
ބުނީ މި ދެ މެޗުގައި ޓީމަށް ރަނގަޅަށް ކުޅެވިއްޖެނަމަ ޗައިނާ މެޗުގައި ރަނގަޅު
ނަތީޖާއެއް ނެރެވިދާނެކަމަށް އުންމީދުކުރާކަމަށެވެ. ކޯޗް ބުނީ މިއަދުގެ މެޗުގައިވެސް
ބަލާނީ ޗައިނާ އެކު ކުޅެން ބޭނުންވާ ވައްޓަފާޅިއަށް ޓީމު ލައްވާ
ކުޅުވަންކަމަށެވެ.
ޓީމުގެ
މުހިންމު ކުޅުންތެރިޔެއްކަމަށްވާ އަކްރަމް އަބްދުލް ޣަނީ ބުނީ މީ ރަނގަޅު
ކޭމްޕެއްކަމަށާ މި ކޭމްޕް ނިމޭއިރު ޓީމު ތިބޭނީ ވަރަށް ރަނގަޅު ފޯރިއެއްގައި ކަމަށެވެ. އަދި ޗައިނާ މެޗުން
ރަނގަޅު ނަތިޖާއެއް ހޯދަންކަމަށް އުންމީދުކުރާކަމަށެވެ.