ވިޔަފާރި

ސްވެނިއަރ ފިހާރަތަކަށް މަލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައިފި


ފަތުރުވެރިކަމުގެ ސިނާއަތުގެ ދަށުން ހިންގަމުންދާ ސްވެނިއަރ ފިހާރަތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާ ޤަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ކާށިދޫ ދާއިރާގެ މެމްބަރު މަޖިލީހަށް ހުށަހެޅުއްވުމަށް ފޮނުއްވާފައިވާ ޤަރާރުގައި ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި، ސްވެނިއަރ ފިހާރަތަކުގެ ވިޔަފާރިއަށް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާކަމަށެވެ.

ޖާބިރު ހުށަހެޅުއްވި ޤަރާރުގައި ސްވެނިއަރ ވިޔަފާރިއަކީ ދިވެހި އުފެއްދުންތެރިކަމުގެ ދާއިރާގެ ތެރެއިން ލިޔެލާ ޖެހުމާއި، ކުނާ ވިޔުންފަދަ އަތްތެރި މަސައްކަތްތަކާއި ސީދާ ގުޅިފައިވާ ވިޔަފާރިއެއްކަން ފާހަގަކޮށްފައިވެއެވެ. އަދި މިހާރު ދިމާވެފައިވާ ހާލަތުގައި ސްވެނިއަރ ފިހާރަތަކަށް އޮޑް ޑިމާންޑް ދަށްވެ، އެވިޔަފާރިން ސީދާ އާމްދަނީ ލިބޭ އުފެއްދުންތެރިންނަށް އާމްދަނީ ގޮތްތައް ބަންދުވެފައިވާކަމަށް ޤަރާރުގައިވެއެވެ. އެހެންކަމުން ސްވެނިއަރ ވިޔަފާރިކުރާ ފަރާތްތަކަށް މަދުވެގެން 1 މިލިއަން ރުފިޔާގެ ލޯނު ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަސް ޖާބިރުގެ ޤަރާރުގައި އެދިވަޑައިގެންފައިވެއެވެ.

ކޯވިޑް ފެތުރެން ފެށި ފަހުން ރާއްޖެ އަންނަ ފަތުރުވެރިން މީހުން އުޅޭ ރަށްރަށް ގެންދިއުން ވަނީ މަނާކޮށްފައެވެ. އެހެންކަމުން މާލެއާއި ރަށްރަށުގައި ހުރި ސްވެނިއަރ ފިހާރަތަކަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެއެވެ.