ޚަބަރު

ކޯވިޑް-19 : އުސޫލާ ޚިލާފު 22 ތަނެއް މިއަދު ބަންދުކުރި


ކޯވިޑް-19އިން ރައްކާތެރިވުމަށް އެކުލަވާލާފައިވާ އުސޫލުތަކާއި ޚިލާފަށް ހިންގަމުންދިޔަ 22 ތަނެއް މިއަދު ބަންދުކޮށްފައިވާކަމަށް ހެލްތް ޕްރޮޓެކްޗަން އެޖެންސީން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ޙާލަތާ ގުޅިގެން އެޗްޕީއޭއިން އެކުލަވާލި މިންގަނޑުތަކާ އެއްގޮތަށް ޚިދުމަތްދޭތޯ ބެލުމަށް ކުރިއަށްގެންދާ އިންސްޕެކްޝަންގައި މިއަދުވެސް 135 ތަނެއް ބަލާފައިވާކަމަށް އެ އެޖެންސީން ވިދާޅުވެއެވެ. ފިޔަވަޅު އެޅި ތަންތަނުގެ ތެރޭގައި ހިމެނެނީ 4 ސެލޫނަކާއި 9 ފިހާރައަކާއި 7 ކެފޭ/ރެސްޓޯރެންޓެވެ. މީގެ އިތުރުން 1 މާރުކޭޓާއި ސްޕާއެއްވެސް ބަންދުކޮށްފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިއާއެކު މިހާތަނަށް 140 އަށް ވުރެ ގިނަ ތަންތަން ބަންދުކުރުމަށް ވަނީ އަންގާފައެވެ. އުސޫލުތަކަށް ނުފެތޭ ތަންތަން ބަންދުކުރުމަށްފަހު ކަންކަން އިސްލާޙުކުރުމަށް 24 ގަޑިއިރުގެ ވަގުތެއް ދެއެވެ. އަދި އިސްލާޙުކުރުމަށްފަހު އެޗްޕީއޭގެ ޚާއްސަ ހޮޓްލައިނަށް ގުޅާ އެންގުމުން އަލުން އެތަނެއް އިންސްޕެކްޓކުރުމަށްފަހު އުސޫލާއި އެއްގޮތަށް ހުރިނަމަ އެތަނެއް ހުޅުވުމުގެ ހުއްދަ އެޗްޕީއޭއިން އަންނަނީ ދެމުންނެވެ.

ކޯވިޑް-19ގެ ބަލި މާލެއިން ފެނި ބަލި ފެތުރުން ކޯންޓްރޯލުކުރުމުގެ ގޮތުން މާލެ ފުރަބަންދުގައި އޮތުމަށްފަހު އާއްމު ހިދުމަތްދޭ ތަންތަން އަލުން ހުޅުވާލާފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ. ފުރަބަންދަށް ދިން ލުއިތަކާއެކު އަލުން ތަންތަން ހުޅުވާލާފައިވަނީ ވަކި ޝަރުތުތަކެއް ކަނޑައެޅުމަށްފަހުއެވެ.

މިގޮތުން ފިހާރަތަކަށް ގިނަ ވެގެން މީހުން ވަދެވޭނެ މިންވަރާއި ކެފޭ ރެސްޓޯރަންޓްތަކުގައި މީހުން ތިބެން ޖެހޭނެގޮތް ހިމެނެއެވެ. އަދި އެތަންތަނުގައި ސެނިޓައިޒަރ ބަހައްޓައި އަތް ސާފުކރެވޭނެ އިންތިޒާމުތައް ހަމަޖެއްސުންވެސް ހިމެނެއެވެ.