ޚަބަރު

ކޯވިޑް-19 : އިސްލާހުކުރި 21 ތަނެއް ހުޅުވައި އުސޫލާ ޚިލާފުވި 33 ތަނެއް ބަންދުކޮށްފި


އެޗްޕީއޭއިން އާންމުކޮށްފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާ ޚިލާފުވެގެން ބަންދުކުރި 21 ތަނެއް އަލުން ހުޅުވުމުގެ ހުއްދަ ދީ އުސޫލާ ޚިލާފުވި 33 ތަނެއް ބަންދުކޮށްފިއެވެ.

ބަންދުކުރި ތަންތަން ހުޅުވުމަށް ހުއްދަ ދީފައިވަނީ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭގޮތަށް އެތަންތަން އިސްލާހު ކުރުމުންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއަދު ހުޅުވުމުގެ ހުއްދަ ދީފައިވަނީ ކާބޯތަކެތީގެ ޚިދުމަތްދޭ 7 ތަނަކާއި މާރުކޭޓަކާއި 2 ސެލޫންނެއްގެ އިތުރުން 11 ފިހާރައަކަށެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް އެކުލަވާލާފައިވާ އުސޫލުތަކާއި އެއްގޮތަށް ތަންތަން ހިންގަމުންދޭތޯ ބެލުމަށްޓަކައި ކުރިއަށް ގެންދާ އިންސްޕެކްޝަންގައި މިއަދު 174 ތަނެއް ބަލާފައިވާކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. މީގެ ތެރޭގައި ހިމެނެނީ ކާބޯތަކެތީގެ ޚިދުމަތްދޭ 40 ތަނަކާއި 9 ސެލޫނަކާއި 123 ފިހާރައެއްގެ އިތުރުން 2 މާރުކޭޓެވެ. އަދި މީގެ ތެރެއިން 33 ތަނެއް އެޗްޕީއޭގެ އުސޫލުތަކާ ޚިލާފުވެގެން ބަންދުކޮށްފައިވާކަމަށްވެސް އެޗްއީއޯސީން ވިދާޅުވެއެވެ. ފިޔަވަޅު އެޅި ތަންތަނުގެ ތެރޭގައި ހިމެނެނީ 5 ސެލޫނަކާއި 17 ފިހާރައާއި 10 ކެފޭ/ރެސްޓޯރެންޓެވެ. މީގެ އިތުރުން 1 މާރުކޭޓުވެސް ބަންދުކޮށްފައިވާކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލުތަކަށް ނުފެތޭ ތަންތަން ބަންދުކުރުމަށްފަހު، އެ އުސޫލާ އެއްގޮތަށް އެތަންތަން އިސްލާޙުކުރުމަށް 24 ގަޑިއިރުގެ ވަގުތެއް ދެއެވެ. އަދި އިސްލާޙުކުރުމަށްފަހު އެޗްޕީއޭގެ ޚާއްސަ ހޮޓްލައިނަށް ގުޅާ އެންގުމުން އަލުން އެތަނެއް އިންސްޕެކްޓްކުރުމަށްފަހު އުސޫލާއި އެއްގޮތަށް ހުރިނަމަ އެތަނެއް ހުޅުވުމުގެ ހުއްދަ އެޗްޕީއޭއިން އަންނަނީ ދެމުންނެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ފުރަބަންދު ކުރުމަށްފަހު މާލޭގައި އާއްމު ހިދުމަތްދޭ ތަންތަން އާންމުކޮށް ހުޅުވުމަށް ހުއްދަ ދީފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ. ފުރަބަންދަށް ދިން ލުއިތަކާއެކު އަލުން ތަންތަން ހުޅުވުމަށް ހުއްދަ ދީފައިވަނީ ވަކި ޝަރުތުތަކަކާއި އެކުގައެވެ.

އެގޮތުން ފިހާރަތަކަށް އެއްފަހަރާ ގިނަ ވެގެން މީހުންނަށް ވަދެވޭނެ މިންވަރާއި ކެފޭ ރެސްޓޯރަންޓްތަކުގައި މީހުން ތިބެން ޖެހޭނެގޮތްވެސް ވަނީ ކަނޑައަޅައި އާންމުކޮށްފައެވެ. އަދި އެތަންތަނުގައި ސެނިޓައިޒަރ ބަހައްޓައި އަތް ސާފުކުރެވޭނެ އިންތިޒާމުތައްވެސް ހަމަޖައްސަން ޖެހެއެވެ.