ޚަބަރު

ކޯވިޑް-19 : ނޫސްވެރިން ފާސް އަޅައިގެން މަގުމަތީގައި އުޅުމުގައި ހުރަހެއް ނެތް - އެމްއެމްސީ


ކޯވިޑް-19ގެ މިޙާލަތުގައިވެސް މީޑިއާ ފާސް އަޅައިގެން ނޫސްވެރިން ޙަރަކާތްތެރިވުމުގައި އެއްވެސް ހުރަހެއް ނެތްކަމަށް ފުލުހުން ޔަޤީންކޮށްދެއްވާފައިވާކަމަށާ މިދަނޑިވަޅުގައި ޚަބަރު ފެތުރުމުގައިވެސް ޒިންމާދާރުކަމާއެކު ޤައުމީ މަސްލަޙަތު އިސްކޮށްގެން ޞައްޙަ މަޢުލޫމާތު ފެތުރުމަށް މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

ކޯވިޑް-19އާ ގުޅިގެން އަލަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި ވިދާޅުވީ މިހާރު ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19އާ ގުޅިގެން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން އަލަށް އަޅުއްވާފައިވާ ފިޔަވަޅުތަކާއެކުވެސް ނޫސްވެރިންނަށް ހުރަހެއް ނެތްކަމަށެވެ.

އެގޮތުން މާލެ ސަރަޙައްދުގައި ބޭރަށް ނުކުމެއުޅުން މަނާ ވަގުތުތަކުގައިވެސް ނޫސްވެރިންނަށް، ފާސް އަޅައިގެން ބޭރުގައި ނޫސްވެރިކަމުގެ މަސައްކަތުގައި ޙަރަކާތްތެރިވުމުގައި އެއްވެސް ހުރަހެއް ނެތްކަމުގެ ޔަގީންކަން ފުލުހުން ދެއްވާފައިވާކަމަށާއި، ނަމަވެސް މިޙާލަތުގައި ނޫސްވެރިން މަސައްކަތް ކުރާއިރު، އަމިއްލަ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް ބޭރުގައި އުޅޭއިރު އަބަދުވެސް މާސްކު އެޅުމަށާއި، އަތް ސާފުކޮށް ސެނިޓައިޒްކުރުމަށް އެމްއެމްސީން ވަނީ ނޫސްވެރިންނަށް ހަނދާން ކޮށްދީފައެވެ.

އަދި ނޫސްވެރިކަމުގެ ފާހުގެ އަގު ހިފެހެއްޓުމަށާއި، ނަހަމަގޮތުގައި ފާސް ބޭނުން ނުކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ. އަދި ކޯވިޑް-19އާ ގުޅޭ ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ޒިންމާދާރުކަން އިސްކުރުމާއި، ވީހާވެސްބޮޑަށް މަޢުލޫމާތު ކަށަވަރުކުރުމަށްފަހު ޤައުމީ މަސްލަޙަތު އިސްކޮށް ޞައްޙަ މަޢުލޫމާތު ފެތުރުމަށް މީޑިއާކައުންސިލުބްވަނީ ބާރުއަޅުއްވައި އިލްތިމާސްކޮށްފައެވެ.

ނޫސްވެރިންނަކީ ޤައުމަށް ދިމާވާ މިފަދަ ކޮންމެ ޙާލަތެއްގައިވެސް އެންމެ އިސްސަފުގައި ޚަބަރާއި މަޢުލޫމާތު ހޯދައި ޢާއްމުންނަށް ފޯރުކޮށްދިނުމުގައި މަސައްކަތްކުރަންޖެހޭ ބަޔަކަށްވާތީ، ނޫސްވެރިން މިޙާލަތުގައިވެސް މަގުމަތީގައްޔާއި ޢާއްމު ތަންތާގައި ޙަރަކާތްތެރިވާން ޖެހޭކަން އެކައުންސިލުން ފާހަގަކޮށްފައިވެއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަން ރާއްޖެއިން ފެނުނު ހިސާބުން ފެށިގެންވެސް ކަމާގުޅޭ ޚަބަރާއި މަޢުލޫމާތު ޢާއްމުންނާހަމައަށް ގެނެސްދިނުމުގައި ދިވެހި ނޫސްވެރިން ކޮށްފައިވަނީ ފުރިހަމަ ޤައުމީ މަސައްކަތެއްކަން ފާހަގަކޮށް މީޑިއާ ކައުންސިލުންވަނީ ބަލީގެ ޙާލަތު އިތުރަށް ގޯސްވެފައިވާ މި ނާޒުކު ޙާލަތުގައި މިކަމަށް ސަމާލުވުމަށް ހުރިހާ ނޫސްވެރިންނަށް އިލްތިމާސް ކޮށްފައެވެ.