ޚަބަރު

ރާއްޖެއިން ކޯވިޑް-19 ފެނުނުތާ 5 މަސް، ބަލީގެ ނުރައްކާތެރިކަންވަނީ ބޮޑު


މީގެ 150 ދުވަސްކުރިން މިދިޔަ މާޗްމަހުގެ 7 ވަނަ ދުވަހަކީ ރާއްޖެއިން ކޯވިޑް-19 ޖެހިފައިވާ މީހަކު ފެނުނުކަން ސަރުކާރުން ހާމަކުރެއްވިދުވަހެވެ.

ކިތަންމެ ބޭނުން ނުވިނަމަވެސް އެދުވަހާ އަޅުގަނޑުމެން ބައްދަލުކުރާނެކަން އެންމެނަށްވެސް އެނގެއެވެ. އެހެނީ ދުނިޔޭގެ އެހެންޤައުމުތަކުގައި ކޯވިޑް-19 ހަލުއިކަމާއެކު ފެތުރެމުންދިޔައިރު ދުނިޔޭގެ އެކިކަންކޮޅުތަކުން ފަތުރުވެރިން ޒިޔާރަތްކުރާ ރާއްޖެފަދަ ޤައުމަކުން މިބަލި ނުފެނުމަކީ ނާދިރުކަމެއްކަމަށް ޞިއްޙީ ތަޖުރިބާކާރުންވެސް ބުނަމުންދިއުމެވެ.

ކޮންމެއަކަސް ބަލި ފެނުމާއެކުވެސް އަދި އޭގެ މާކުރީއްސުރެންވެސް ސަރުކާރުންދިޔައީ ލިބިފައިވާ ވަސީލަތްތަކުގެ ބޭނުންހިފައި މިބައްޔަށް ތައްޔާރުވަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބަލިފެނުނުތާ ސާޅީހަކަށްދުވަސް ފަހުން މުޖުތަމަޢުގެ ތެރެއިން ބަލިފެނުނަސް އެޅި ހަރުދަނާ ފިޔަވަޅުތަކާއި ރައްޔިތުންގެ އެއްބާރުލުމާއެކު މަހެއްހާ ދުވަހުގެ ތެރޭގައި ބަލި ފެތުރުން ކޮންޓްރޯލް ކުރެވުނެވެ. އެގޮތުން ޖުލައި މަހުގެ ފުރަތަމަ ދުވަހު މިބަލި އާންމުންގެ ތެރޭގައި ފެނުނު މާލެ ސިޓީން ބަލި ޖެހިފައިވާ މީހަކު ފެންނަންފެށި ނިސްބަތް 2 މީހުންނަށްވެސް ދަށްކުރެވުނެވެ.

އޭރު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީވެސް ބިދޭސީންނެވެ. އޭގެ ތެރެއިންވެސް ބަންގްލަދޭޝަށް ނިސްބަތްވާ މީހުންގެ ޢަދަދު ނިސްބަތުން ގިނައެވެ.

ފުރަތަމަ ބަލި ފެތުރިގެން އައިއިރު ރާއްޖޭގެ ހާލަތު ހުރި ގޮތް:

- ބަލި ޖެހުނީ - 2361 މީހުން
- ބަލި ޖެހުނު ދިވެހިން - 831 މީހުން
- ބަލިޖެހުނު ބިދޭސީން - 1232 މީހުން
- ފަރުވާ ހޯދާ - 403 މީހުން
- މަރުވި - 9 މީހުން
- ބަލިން ރަނގަޅުވި - 1944 މީހުން(ބަލި ޖެހުނު މީހުންގެ ތެރެއިން %80)
- ސާމްޕަލް - 50336 ސާމްޕަލް

ނަމަވެސް މިއަދު މިވަނީ މަންޒަރު މުޅިން ބަދަލުވެފައެވެ. ފުރަބަންދަށްދިން ލުއިތަކަށްފަހު މިހާރު ޕޮޒިޓިވްވާ ދިވެހިންގެ ޢަދަދު އިންތިހާއަށް އިތުރުވެ ބަލީގެ ބިރުވެރިކަން މިވަނީ މުޅިރާއްޖެއަށްވެސް ބޮޑުވެފައެވެ.

މިހާރު ރާއްޖޭގެ ބަލީގެ ހާލަތު ހުރި ގޮތް:

- ބަލި ޖެހުނީ - 4446 މީހުން
- ބަލި ޖެހުނު ދިވެހިން - 2293 މީހުން
- ބަލިޖެހުނު ބިދޭސީން - 2153 މީހުން
- ފަރުވާ ހޯދާ - 1719 މީހުން
- ހޮސްޕިަޓުލައި - 105 މީހުން
- މަރުވި - 19 މީހުން
- ބަލިން ރަނގަޅުވި - 2693 މީހުން
- ސާމްޕަލް - 83115 ސާމްޕަލް

މީގެ އެއްމަސް ކުރިއާ އަޅާބަލާއިރު މި ދިން ލުއިތަކާއެކު ބަލީގެ ނުރައްކާ އިންތިހާއަށް މިވަނީ ބޮޑުވެފައެވެ.

ރާއްޖޭގެ ކޯވިޑް-19ގެ އެންމެ ފަހުގެ ތަފާސްހިސާބުތައް

އެގޮތުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މަހެއްގެ ތެރޭގައި ދެގުނައަށް އިތުރުވެ، ބަލިޖެހޭ ދިވެހިންގެ ޢަދަދު ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމާއި، ހޮސްޕިޓަލުގަިއ ފަރުވާ ދޭ މީހުންގެ އިތުރުން މަހެއްހާ ދުވަހުގެ ތެރޭގައި 10 މީހުން މިބަލީގައި މަރުވެފައިވުމަކީ މިހާރުގެ ޙާލަތު ފެނިގެންދާ ކަމެކެވެ.

މީގެ ކުރިން މާލޭ ސަރަހައްދުގައި މިބަލި ޖެހިފައިވާ މީހުން ފެންނަމުން ދިޔަނަމަވެސް ހޯމް ކަރަންޓީންވާ ގޮތަށް ރަށްރަށަށް މީހުން ދާން ފެށި ހިސާބުން ފެށިގެން ރިލީސް ސާމްޕަލް ނަގާ އެމީހުން ދޫކޮށްލާއިރު ބަލިޖެހޭ މީހުން އޭގެތެރެއިން މިވަނީ ބައެއް ރަށްރަށުން ފާހަގަވާން ފަށާފައެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ 10 ރަށަކުން މިވަނީ ޕޮޒިޓިވް ކޭސްތަކެއް ފެނިފައެވެ.

ކޯވިޑްގެ ކޭސްތައް ފެނިފައިވާ ރަށްތައް:

- ހއ.ކެލާ
- ހއ.އިހަވަންދޫ
- ބ.އޭދަފުށި
- ބ.ކަމަދޫ
- ސީސައިޑް ފިނޮޅު
- ރ.އިނގުރައިދޫ
- ޅ.ކުރެންދޫ
- ޅ.ހިންނަވަރު
- ކ.މާފުށި
- ވ.ފުލިދޫ

މިބަލީގެ ސަބަބުން ރާއްޖޭގެ މައިބޯޑަރު ބަންދުކުރުމަށްފަހު މިހާރު ހުޅުވާލާފައިވީނަމަވެސް، އިޤްތިޞާދީ މައި ނާރު ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާއަށް މިވަނީ ބޮޑު ލޮޅުމެއްއައިސްފައެވެ. މީގެ އިތުރުން ވިޔަފާރިތަކަށާއި، އިމްޕޯޓް އެކްސްޕޯޓުގެ އިތުރުން ތަޢުލީމީ ދާއިރާއަށް ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ.

މިކަންކަމުން ސަލާމަތްވާން އޮތީ ރާއްޖޭގައި ބަލި ޖެހޭ މީހުންގެ ޢަދަދު މަދުކުރެވިގެންނެވެ. ބަލީގެ ނުރައްކާ އިތުރަށް ބޮޑުވެ ކުރިން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، މިބަލިން ރައްކާތެރިވެ ތިބުމަށްޓަކައި ސަރުކާރުން އަޅުއްވާ ފިޔަވަޅުތަކަށް ތަބާވެ މުޖުތަމަޢުގައި ބަލި ފެތުރުން ކޮންޓްރޯލްކޮށް ޤައުމުގެ އިޤްތިޞާދާއި އެނޫންވެސް އިޖްތިމާޢީ އެތައްކަމެއް ރަނގަޅުގޮތުގައި ކުރިއަށްގެންދިއުމަށް މުޅިމުޖުތަމަޢުގެ އެއްބާރުލުމާއި އެހީތެރިކަމަށް މިއަދުމިވަނީ ބޭނުންވެފައެވެ.