ކުޅިވަރު

ލީގުގައި ޖެހިޖެހިގެން ދެވަނަ މެޗުން ޔުވެންޓަސް ބަލިވެއްޖެ


ސެރިއޭގެ ތާރީޙުގައި ފުރަތަމަ ފަހަރަށް ލީގުގެ ފުރަތަމަ ދެ މެޗުން ޔުވެންޓަސް ބަލިވެއްޖެއެވެ.އިޓަލިއަން ސެރީއޭގައި އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ކުޅުނު ދެވަނަ މެޗުން އެޓީމް ބަލިވީ ރޯމާއާއި ވާދަކޮށް ދޭއް އެކަކުންނެވެ. ދިހަ ކުޅުންތެރިންނާއިއެކު މެޗް ނިންމާލަން ޖެހުނު ޔުވެންޓަސް ކޮޅަށް ރޯމާގެ ދެ ލަނޑު ޖަހައިދިނީ މިޑްފިލްޑާރ މިރެލަމް ޔާނިޗް އަދި ފޯވާޑް އެޑިން ޒެކޯއެވެ. ޔުވެންޓަސްއަށް ނަތީޖާގެ ފަރަޤު ކުޑަކޮށްދިނީ ޕައުލޯ ޑީބަލާއެވެ.ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވުމާއިއެކު ޔުވެންޓަސްގެ ސަޕޯޓަރުންގެ ފާޑުކިޔުން އެ ޓީމްގެ ކޯޗް މަސިމިލިއާނޯ އެލެގްރީއަށްވަނީ އަމާޒުވާން ފަށާފައެވެ. ސަޕޯޓަރުންގެ ސުވާލުތަކަށް ޖަވާބުދެމުން އެލެގްރީ ބުނީ ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ޓީމް ދޫކޮށްދިޔުމުން ޓީމް ހަމައަކަށް އެޅުމަށް ވަގުތު ބޭނުންވާކަމަށެވެ. އަދި ސަޕޯޓަރުން ބޭނުންވާ ފެންވަރުގެ ކުޅުމެއް މާގިނަ ދުވަހެއް ނުވަނީސް ފެނިގެންދާނެކަމަށްވެސް އެލެގެރީ ބުންޏެވެ."އަހަންނަށް އިނގޭ ސަޕޯޓަރުން ތިބީ ހިތްހަމަ ނުޖެހިފައިކަން، ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ޓީމް ދޫކޮށްދިޔުމުން އަހަންނަށް ވަގުތު ބޭނުންވޭ. އާ ކުޅުންތެރިންނާއިއެކު ޓީމް ވަރަށް އަވަހަށް ހަމައަކަށް އެޅޭނެ" ކޯޗް އެލެގްރީ ބުންޏެވެ.އިޓަލިއަން ސެރީއޭގައި ރޭ ކުޅުނު އެހެން މެޗްތަކަށް ބަލާއިރު، އިންޓަރ މިލާންވަނީ ދޭއް އެކަކުން އެޓީމް ކުޅުނު މެޗް ދޭއް އެކަކުން ކާމިޔާބުކޮށްފައެވެ. ކެރްޕީއާއި ދެކޮޅަށް ކުޅުނު މެޗުގައި އިންޓަރގެ ދެ ލަނޑުވެސް ޖަހައިދިނީ ފޯވާޑް ސްޓެވަން ޔޮވެޓިޗެވެ.