ޚަބަރު

މާލެއަށް ލަފާފުރުމަށް ކަނޑައެޅި އުސޫލާއި ޚިލާފުވާނަމަ ކެޕްޓަނުން ޖޫރިމަނާ ކުރަނީ


މާލެ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް މާލެއަށް ލަފާފުރުމުގެ ކަންކަން ކުރާނަމަ އުޅަނދުތަކުގެ ކެޕްޓަން ޖޫރިމަނާކުރަން ނިންމައިފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ ކޯވިޑް 19އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ އަތޮޅުތަކުން މާލެ އަންނަ އުޅަނދު ފަހަރު ލަފާފުރުމުގައި ބޭނުންކުރުމަށް މާލޭ ސިޓީ ކައުންސިލުން ވަކި ސަރަޙައްދުތަކެއް ކަނޑައަޅައިފައިވާއިރު އެސަރަހައްދު ނޫންތަންތަން ލަފާފުރުމަށް ބޭނުންކޮށް އެޤަވާއިދާ ޚިލާފުވާނަމަ ނުވަތަ އުސޫލުން ބޭރުން އެއުޅަނދުތަކުގެމީހުން އެއްޤަމަށް އަރާނަމަވެސް އުޅަނދުގެ ކެޕްޓަން ޖޫރިމަނާކުރާ އެންގުމެއް ވަރަށް އަވަހަށް އެޗްޕީއޭއިން އާންމުކުރާނެކަމަށެވެ.

އުޅަނދުފަހަރު ލަފާފުރުމުގައި ބޭނުންކުރަން ކަނޑައަޅާފައިވާ ސަރަޙައްދުތަށް:

- އަތޮޅުތަކުން މާލެ އަންނަ ދޯނިފަހަރު ( މާލޭ ނޯތު ހާބަރާއި ޓީ ޖެޓީ ސަރަހައްދު )

- މާލެ އަންނަ އަދި މާލެއިން ފުރާ ސްޕީޑް ލޯންޗު ފަހަރު ( މާލޭ 01 ނަންބަރު ޖެޓީ (އެމްއެމްއޭ ކުރިމަތި ފަޅު)

- މަސްވެރިކަންކުރާ އުޅަނދުފަހަރާއި އެހެނިހެން އުޅަނދު ފަހަރު ( ހުޅުމާލޭ ބަނދަރު ) ލަފާފުރުމުގައި ބޭނުންކުރުން.

- އަތޮޅުތަކުން މާލެއަންނަ އުޅަނދުފަހަރު ލަފާފުރުމުގައި ތިލަފުށީ ބަދަރު ބޭނުންކުރުން.

- ރިސޯޓުތަކުން މާލެ އަންނަ އަދި ފުރާ ސްޕީޑް ލޯންޗު ފަހަރު ( މާލޭ 05 ނަންބަރު އަދި 06 ނަންބަރު ޖެޓީ (ބޭންކް އޮފް މޯލްޑިވްސް ކުރިމަތީ ފަޅު)



މާލެސަރަހައްދުގައި ކޯވިޑް-19ގެ ނުރައްކާ ބޮޑުވެ ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ މާލެއަށް ޒަރޫރީ ބޭނުމެއްގައި ނޫންގޮތަކަށް އަރާފޭބުން މިހާރުވަނީ މަނާކޮށްފައެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަަޅުތަކަށް ދިން ލުއިތަކުގެ ތެރޭގައި އިތުރު ހުއްދައެއް ނުނަގައި ރަށްރަށުން މާލެއަށް އައުމުގެ ހުއްދަ ދިންމަވެސް މާލެ އަރައި ފޭބުން މަނާކޮށްފައިމިވަނީ އަތޮޅުތެރެއަށް ބަލި ދިއުން ކޮންޓްރޯކުރުމަށާއި، މާލޭގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަމަށްޓަކައިކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުންވަނީ ހާމަކޮށްފައެވެ.