ޚަބަރު

ހައި ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދަން ޢިއުލާންކޮށްފި


ހައި ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދަން ޖޭއެސްސީން ޢިއުލާންކޮށްފިއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށާއި، ކްރިމިނަލް ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޢިއުލާންކޮށްފައިވަނީ މިދިޔަ މަހު އެ ދެމަޤާމުން ފަނޑިޔާރުން އިސްތިޢުފާ ދެއްވާފައިވުމާ ގުޅިގެންކަމަށެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ފަނޑިޔާރު ހަސަން އަލީ މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ ނޫސްވެރިޔާ އަހުމަދު ރިޟުވާނު ގެއްލުވާލި މައްސަލައާއި ގުޅިގެން ސަސްޕެންޑް ކުރައްވައި، އެމައްސަލައިގައި ޖަވާބުދާރީވެވަޑައިގެންނެވުމަށް އަންގަވާފައި ވަނިކޮށެވެ.

ކްރިމިނަލް ކޯޓުގެ ޤާޟީ ޙަސަން ނަޖީބު އިސްތިއުފާދެއްވާފައިވަނީ ފަނޑިޔާރުންގެ ސުލޫކާ ޚިލާފަށް އަމަލުކޮށްފައިވާތީ އޭނާ ގާޟީކަމުން ވަކިކުރަން ޖޭއެސްސީން ނިންމާ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައި އެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނިކޮށެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލައްވާ ބޭފުޅުންނަކީ އުމުރުން 25 އަހަރު ފުރިފައިވާ އަދި އިސްލާމީ ޝަރީޢާގެ ރޮނގުން ނުވަތަ ޤާނޫނު ރޮނގުން ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވާ މީހަކަށް ވާންޖެއެހެވެ.

ހައިކޯޓަށް ކުރިމަތިލައްވާ ނަމަ ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަމުގައި ނުވަތަ އެ ދެ ކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ މީހަކަށްވާންޖެހެއެވެ.

ކްރިމިނަލް ކޯޓަށްނަމަ ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ މީހަކަށްވާންޖެހޭކަމަށް ޢިއުލާނުގައިވަނީ ހިމަނާފައެވެ.

ޖޭއެސްސީން ޢިއުލާނުގައިވާ ގޮތުން ހައިކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައާއި ރިސްކް އެލަވަންސެގެ ގޮތުގައި 54300 ރުފިޔާ އަދި ކްރިމިނަލް ކޯޓުގެ ޤާޟީއަކަށް އަސާސީ މުސާރައާ އެލަވަންސްގެ ގޮތުގައި 48300 ރުފިޔާއާއި ފަނޑިޔާރުންގެ ޤާނޫނުގައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތަށް މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ލިބިލައްވާނެއެވެ.