ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނިކޮށް ފިލައިގެން އުޅޭ ބިދޭސީ 15 މީހުން ހޯދުމުގެ މަސައްކަތް ދެން ނުކުރާނެކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ ކޯވީޑް-19 ޖެހުނު މީހުންގެ ތެރެއިން ފިލައިގެން އުޅުނު ބައެއް މީހުން ހޯދާފައި ވާކަމަށެވެ. އަދި މިހާރު ފިލައިގެން އުޅޭ ބިދޭސީންގެ 15 މީހުން އަދިވެސް ފެނިފައި ނުވާކަމަށެވެ.
ނަޒްލާ ވިދާޅުވީ އެމީހުން ނުހޯދުމަށް ނިންމާފައި ވަނީ އެ މީހުން ބަލިޖެހިގެން މިހާތަނަށް 21 ދުވަސްވެފައި ވާތީ އެމީހުންނަކީ މިހާރު ބަލިން ރަނގަޅުވެފައިވާ ބައެއްކަމަށް ބަލާފަކަމަށެވެ.
"ކުރިން ތިބި 15 މީހުންގެ މިހާރު 21 ދުވަސް ހަމަވެއްޖެ. އަޅުގަނޑުމެނަށް އޭގެ ތެރެއިން ބައެއް މީހުން ވަނީ ހޯދިފައި. ނުފެނި ތިބީ 15 މީހުން. އެ މީހުން މިހާރު 21 ދުވަސްވީމަ ދެން އިތުރަށް އަޅުގަނޑުމެން އެ މީހުން ހޯދުމުގެ މަސައްކަތެއް ނުކުރާނެން. ދެން އެ މީހުން ރިކަވާވީ ކަމަށް އަޅުގަނޑުމެން މި ބަލަނީ" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ ކުރިންވެސް ވަނީ ކޯވިޑް-19 ޖެހިފައިވާ މީހުން ފިލައިގެން އުޅޭ މައްސަލަ ފެންމަތިވެ އެމީހުން ހޯދާފައެވެ. އަދި މީގެ ތެރޭގައި ހިމެނެނީ ބިދޭސީންނެވެ. ޕޮޒިޓިވްވާ މީހުންގެ އިތުރަށް ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވެގެން ކަރަންޓިން ފެސިލިޓީތަކުގައި ތިބި މީހުންވެސް ފިލައިގެން ހޯދަން އިޢުލާނުކޮށްފައިވެއެވެ.
ކޯވިޑް-19 އަކީ ގައިންގަޔަށް އަރާ ބައްޔެއްކަމުން މި ބަލި ޖެހިފައިވާ މީހަކު ފިލައިގެން އާންމުންގެ ތެރޭގައި އުޅެންފަށައިފިނަމަ އިތުރު ބަޔަކަށް އެ ބަލި ފެތުރިގެން ހިނގައިދާނެ ކަމުގައި އެޗްއީއޯސީން ވަނީ ވިދާޅުވެފައެވެ.
އައްޔަަ
ހޯދާ ހޯދާ ނުފެނުނު، ވެދާނެ ސަރުކާރަށް އޮޅުމަކުން އެމީހުންގެ ގައުމަށް ފޮނުވާލެވުނީކަމަށް.