ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް ކުރިމަތިލެއްވި 2 ބޭފުޅުންގެ ނަންފުޅު ކޮމިޓީއަށް


ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ޤާނޫނީ ދާއިރާގެ މެންބަރުކަމަށް ކުރިމަތިލެއްވި ދެ ބޭފުޅުންގެ ނަން ދިރާސާކޮށް ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަޤާމަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ އެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފުރުސަތު ހުޅުވާލުމުން ކުރިމަތިލެއްވި އއ. މަތިވެރީ، ވެސްޓްބީޗް އަލްއުސްތާޛު މުޙައްމަދު މުނައްވަރު އާއި ގ. ނޫމަރާ ވިލާ އަލްއުސްތާޛާ ޝީރީން ނާހިދާ ލަތީފްގެ ނަމެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ޤާނޫނީ ދާއިރާގެ މެންބަރުކަމުގެ މަޤާމު ހުސްވެފައިވަނީ އެމަޤާމުގައި ހުންނެވި އަލްއުސްތާޛާ އާއިޝަތު އަޒްފާ އަބުދުލްޣަފޫރު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ސިވިލްކޯޓުގެ ފަނޑިޔާރެއްގެ މަޤާމަށް އައްޔަނުކުރެއްވުމުންނެވެ.

5 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްއާއި ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އުފައްދާފައިވާ މުޢައްސަސާއެކެވެ.