ފަސް ވަނަ ކޮމަންވެލްތު ޔޫތު ގޭމްސްގައި ވާދަކުރާ އެތުލެޓިކްސް ޓީމާ ސްވިމިން
ޓީމް ރޭ ފުރައިފި.
 
މިފަހަރުގެ ގޭމްސް ބޭއްވުމަށް ހަމަޖެހިފައިވަނީ ސަމޯއާގައެވެ. ރޭ
ފުރި ޒުވާން ޓީމްގައި ހިމެނެނީ އެތްލެޓިކްސްއިން ވާދަކުރާ ހަތަރު އެތްލީޓަކާ ފެތުމުގައި
ވާދަކުރާ ތިން ފެތުންތެރިއެކެވެ. އަދި މިއިން ކޮންމެ ކުޅިވަރެއްގައި އަންހެން ދެ
ކުދިން ހިމެނޭކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން މަޢުލުމާތުދެއެވެ. 
 
އެތްލެޓިކްސް
އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވީ މިއީ ޒުވާން ކުދިންނަށް އިތުރު
ތަޖްރިބާ ހޯދުމަށް ވަރަށް ރަނގަޅު ގޭމްސްއެއްކަމަށެވެ. އަދި ޔޫތް ގޭމްސްއޭ
ބުނިކަމުގައި ވީނަމަވެސް މިގޭމްސްގައިވެސް ބައެއް ގައުމުތަކުގެ މިހާރުވެސް ބާރަށް
ދުވާ ދުވުންތެރިން ބައިވެރިވާނެކަމަށް ތޮލާލް ވިދާޅުވިއެވެ. އަދި މެޑަލްއަކާ ހަމައަށް
ނުދެވުނު ނަމަވެސް ގައުމީ ރެކޯޑް މިކުދިން އާ ކުރާނެކަމަށް އުއްމީދު ކުރާކަމަށް
ތޮލާލް ވިދާޅުވިއެވެ. 
 
ސްވިމިންގް އެސޯސިއޭޝަނުން މަޢުލުމާތުދިން ގޮތުގައި މިފަދަ
ގޭމްސްތަކުން ޒުވާން ސުވިމަރުންނަށް ވަރަށް ރަނގަޅު ތަޖްރިބާ ލިބިގެންދާނެކަމަށާއި،
އަދި ޚާއްސަކޮށް މޮޅު ފެތުންތެރިންނާ ދިމާވެ، އެކުދިންގެ ކަންތައްތައްވެސް
ކައިރިން ބަލާލުމުގެ ފުރުސަތު ރާއްޖޭގެ ޒުވާން ފެތުންތެރިންނަށް
ލިބިގެންދާނެކަމަށެވެ. އަދި އެހެންގައުމުތަކުގެ ފެތުންތެރިންނާ އެއްވަރު
ނުވިކަމުގައި ވީނަމަވެސް ވާދަކޮށްލުމަކީވެސް ރާއްޖޭގެ ޒުވާން ފެތުންތެރިނަށް
ލިބޭނެ ކުރިއެރުމެއްކަމަށް މޯލްޑިވްސް ސްވިމިންގް އެސޯސިއޭޝަނުން މަޢުލުމާތުދިނެވެ.
 
މިމަހުގެ ފަހަކުން އެގާރަށް ސަމޯއާގައި ކުރިއަށްދާ މިމުބާރާތުގެ ޗެފް ޑިމިޝަނަކީ
އެތްލެޓިކްސް އެސޯސިއޭޝަންގެ ޔަޒްނީ ނަޝީދުއެވެ. މިއީ ރާއްޖޭގެ ޔޫތް ޓީމް ކޮމަންވެލްތު
ޔޫތު ގޭމްސްގައި ވާދަ ކުރާ ދެ ވަނަ ފަހަރުއެވެ.
 
 ރާއްޖެއިން ވަނީ އެންމެ ފަހުން ދެހާސް
އެގާރަވަނަ އަހަރު ބޭއްވި ކޮމަން ވެލްތު ޔޫތު ގޭމްސްގައިވެސް ވާދަކޮށްފައެވެ.