ޚަބަރު

ކެބިނެޓަށް ފުރިހަމަ އިތުބާރު އެބައޮތް - ޖުމްހޫރީ ޕާޓީ


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެބިނެޓަށް ފުރިހަމަ އިތުބާރުއެބައޮތްކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

އިކޮނަމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް ބައެއް މެންބަރުންގެ ސޮއި ހޯދަން ފަށާފައިވާއިރު މިކަމާދެކޮޅަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މަޖިލިސް މެންބަރުންވެސް ގެންދަަވަނީ ޝުޢޫރު ފާޅުކުރައްވަމުނެވެ.

ސަރުކާރު ކޯލިޝަންގައި ދެން ހިމެނޭ އެންމެ ބޮޑު ޕާޓީ ޖުމްހޫރީޕާޓީން މިކަމާމެދު ދެކޭގޮތާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން ޢަލީ ޞާލީޙް ވިދާޅުވީ ޖުމްހޫރީ ޕާޓީން އަބަދުވެސް މަސައްކަތްކުރަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ދަމަހައްޓަންކަމަށެވެ. އަދި ޤައުމާއި ރައްޔިތުންގެ ހައްޤުގައި ރައީސް ޞާލިޙް ކުރައްވަމުންގެންދަވާ މަސައްކަތަކަށް ޖުމުހޫރީ ޕާޓީގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށެވެ.

މިނިސްޓަރ ފައްޔާޟްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ވެއްދިނަމަވެސް އެކަމާ ބެހޭގޮތުން ޖޭޕީގެ އެއްވެސް ބަޔަކު އެއްވެސް ލެވެލެއްގައި މަޝްވަރާއެއް މިހާތަނަށް ކޮށްފައިނުވާކަމަށް އެޕާޓީން ބުންޏެވެ.

ސަރުކާރުގެ ތެރޭގައިވެސް އަދި ވަޒީރުންގެ ހިންގުމުގެ ދާއިރާގައިވެސް އެއްވެސް މައްސަލައެއް އުޅޭނަމަ ޖުމްހޫރީ ޕާޓީން އެކަމުގެ ވާހަކަދައްކާނެކަމަށާ، ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް ފުރިހަމަ އިތުބާރުއޮންނަކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެއިތުރުން ޢަދާލަތު ޕާޓީއާއި އޭރު ރައީސް މައުމޫނުގެ ސިޔާސީ ޙަރަކާތް ގުޅިގެން ހެދި ކޯލިޝަން ސަރުކާރުގައި، ޖުމްހޫރީޕާޓީގެ ސްލޮޓްގައި ތިއްބެވި 5 ވަޒީރުން ތިއްބަވައެވެ.