އޭޕްރީލް، މެއި އަދި ޖޫންމަހު އިންކަމް ސަޕޯޓް އެލަވަންސަށް އެދުނު ފަރާތްތަކުގެ ތެރެއިން 5700 އަށްވުރެ ގިނަ ފަރާތަކަށް އިނާޔަތްދިނުމަށް ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އިންކަމް ސްޕޯޓު ޕްރޮޖެކްޓް ޑިރެކްޓަރ، ޝުހާދު އިބްރާހިމް ވިދާޅުވީ އޭޕްރީލް، މެއި އަދި ޖޫންމަހު އިންކަމް ސަޕޯޓް އެލަވަންސަށް އެދި 17000 އެޕްލިކޭޝަން ލިބުނު ކަމަށެވެ. އަދި އޭގެތެރެއިން 11000 އަށްވުރެ ގިނަ އެޕްލިކޭޝަނަކަށް އިނާޔަތްދިނުމަށް ނިންމާފައިވާކަމަށް ޝުހާދު ވިދާޅުވިއެވެ.
" މުޅި އަކު އެބައިން 17،000 އެޕްލިކޭޝަން ލިބިފައި، މިއީ 17،000 ބޭފުޅުންނެއް ނޫން، 17،000 އެޕްލިކޭޝަން އިނދެދާނެ ތިން މަހަށް ބަހާލައިގެން ކޮންމެ މަހަކުވެސް އެޕްލައި ކޮށްފައި ހުރެދާނެ ބައެއް ފަރާތްތަކުން" ޝުހާދު ވިދާޅުވިއެވެ.
ޝުހާދު އިބްރާހިމް ވިދާޅުވީ އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި އޭޕްރީލް، މެއި އަދި ޖޫން މަހު 11000 ހާހަށްވުރެ ގިނަ އެޕްލިކޭޝަން އެޕްރޫވްކޮށްފައިވާއިރު، މިއީ ގާތްގަނޑަކަށް 45.8 މިލިއަން ރުފިޔާކަމަށެވެ. އަދި މީގެތެރެއިން 90 އިންސައްތަ އަށްވުރެ ގިނަ ފަރާތްތަކަށް މިހާރު އެލަވަންސް ފައިސާ ދޫކޮށްފައިވާކަމަށްވެސް ޝުހާދު ވިދާޅުވިއެވެ.
އިންކަމް ސަޕޯޓު އެލަވަންސަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ ޖޮބް ސެންޓަރއަށެވެ. ޖޮބް ސެންޓަރގެ ވެބްސައިޓުގައި އިންކަމް ސަޕޯޓު އެލަވަންސް ލިބޭ ފަރާތްތަކުގެ މައުލޫމާތުތައް ދަނީ ހިއްސާކުރަމުންނެވެ.
ޖޮބް ސެންޓަރއިން މިހާރުވަނީ ކޯވިޑް-19އާ ގުޅިގެން ޢާމްދަނީއަށް އަސަރުކުރި މީހުންނަށް ދައުލަތުންދޭ އިންކަމް ސަޕޯޓު އެލަވަންސުގެ 2 ވަނަ ފިޔަވަހީގެ ދަށުން އިނާޔަތަށް އެދި ހުށަހެޅުުމުގެ ފުރުސަތު ހުޅުވާލައިފައެވެ. ދެވަނަ ފިޔަވަހީގައި އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖުލައިމަހާއި، އޯގަސްޓްމަހާއި އަދި ސެޕްޓެމްބަރުމަހަށެވެ.
ކޯވިޑް-19އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް ދޭ އިންކަމް ސަޕޯޓު އެލަވަންސް ގިނަ ބަޔަކަށް ދެވޭ ގޮތަށް އެލަވަންސް ދިނުމާއި ގުޅޭ އުސޫލަށްވެސް މިހާރުވަނީ ބަދަލެއްވެސް ގެނެސްފައެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން 1 ޑިސެމްބަރު 2019ގެ ފަހުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސްއަށް އެދި ހުށަހެޅޭގޮތަށް ވަނީ ބަދަލު ގެނެސްފައެވެ. މީގެކުރިން އިންކަމް ސަޕޯޓު އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ މިދިޔަ މާރޗުމަހުގެ އެއްވަނަ ދުވަހުގެ ފަހުން، ކޯވިޑް-19 އާ ގުޅިގެން މުސާރައަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށެވެ.
ދެވަނަ ފިޔަވަހީގައި މި އެލަވަންސް އަށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޖޮބްސެންޓަރގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިން ފޯމަކުންކަމަށެވެ. އަދި އޮންލައިންކޮށް ހުށަހެޅުމަށް ކުރިން އުޒުރުވެރިވެފައިވާ ފަރާތްތަކުން، އީފާސްގައި ރަޖިސްޓަރވުމަށްފަހު، އޮންލައިން ފޯމް ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުމަށް އެމިނިސްޓްރީން އެދެއެވެ. އަދި އީފާސްގައި ރަޖިސްޓްރީވުމާ އެޕްލިކޭޝަން ހުށަހެޅުމާބެހޭ ތަފްސީލް ޖޮބްސެންޓަރގައި ޝާއިޢުކުރެވިފައިވާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއެވެ.
ވަޒީފާއަށް އަސަރުކޮށްފައިވާ މީހުންކަމަށް ބަލާނެ މިންގަނޑަކީ، ވަޒީފާއިން ވަކިކުރުން ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވުމާއި، މުސާރަ ނުލިބޭ ގޮތަށް ނޯޕޭ ލީވްއަށް ފޮނުވައިފައިވާ މީހުންނާއި، މުސާރައިގެ ގޮތުގައި ލިބޭ ޢަދަދުން ބައެއް އުނިކޮށްފައިވާ މީހުންނަށެވެ. އެގޮތުން ކޮންމެ މީހަކަށް 5000 ރުފިޔާގެ ޢިނާޔަތެއް ދިނުމަށް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި މުސާރަ އުނިކޮށްފައިވާ މީހަކަށް 5000 ރުފިޔާއިން ދަށުން އާމްދަނީއެއް ލިބޭނަމަ އެމީހަކަށް އިނާޔަތުގެ ގޮތުގައި ދޭންޖެހޭނީ، 5000 ރުފިޔާއިން އެ ޢަދަދު އުނިކުރުމުން ބާކީ އޮންނަ ޢަދަދާ އެއްވަރުގެ ޢަދަދެއްކަމަށްވެސް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ވަޒީފާއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް އެލަވަންސް ދިނުމުގެ ޝަރުޠުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށް ވުމާއެކު، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްކަމުގައި ވާންޖެހެއެވެ. އަދި އެއީ ޢުމުރުން 18 އަހަރާއި، 65 އަހަރާއި ދެމެދުގެ މީހަކަށް ވާންޖެހެއެވެ. މީގެއިތުރުން ސަރުކާރުން ހިންގާ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ތެރެއިން ކަނޑައެޅޭ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެއްބަސްވާ މީހެއްކަމުގައި ވާންޖެހޭނެކަމަށާއި، ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް ޝައުޤުވެރިކަން ހުރި، އަދި ސަރުކާރުގެ ޖޮބް ސެންޓަރ މެދުވެރިކޮށް ވަޒީފާއެއް ނުވަތަ މަސައްކަތެއް އެ މީހަކަށް ހޯދައިދެވިއްޖެނަމަ، އެ ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް އެއްބަސްވާ މީހަކަށް ވާންޖެހޭނެކަމަށްވެސް ސަރުކާރުގެ ފަރާތުން ޢިނާއަތް ދޭ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.