ޚަބަރު

ޕީޕީއެމް 50،000 ރުފިޔާއިން ޖޫރިމަނާކޮށް، ޚަޒާންދާރު 10،000 ރުފިޔާއިން ޖޫރިމަނާކޮށްފި


ޤާނޫނުގައިވާ ގޮތަށް މާލީ ކަންކަން ބަލަހައްޓާފައިނުވާތީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމް 50،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އިލްކްޝަންސް ކޮމިޝަނުން ވިދާޅުވީ ޕީޕީއެމްގެ 2019 ވަނަ އަހަރުގެ އަހަރީ އޮޑިޓް ރިޕޯޓުގައި އެޕާޓީން ފައިސާގެ ކަންކަން ކޮށްފައިހުރީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުގެމަތިން ނޫންކަން ހާމަވުމުން އެޕާޓީއާ ޕާޓީގެ ހަޒާންދާރު ޖޫރިމަނާކޮށްފައިވާކަމަށެވެ.

މިކަމާއި ގުޅިގެން ޕީޕީއެމް 50،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު އެޕާޓީގެ ޚަޒާންދާރު، އަހުމަދު މުސްތަފާ 10،000 ރުފިޔާއިން ޖޫރިމަނާކޮށް އެފައިސާ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އެއް މަސްދުވަހުގެތެރޭގައި ދެއްކުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ޕީޕީއެމްއަށާއި އެޕާޓީގެ ޚަޒާންދާރަށް އަންގާފައެވެ.

2018 ވަނަ އަހަރުވެސް ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޚިލާފަށް ޕީޕީއެމްއިން ޚަރަދުކޮށްފައިވާތީ 20،000 ރުފިޔާއިން އެޕާޓީން ޖޫރިމަނާކޮށްފައިވެއެވެ. އެފަހަރުވެސް ޕީޕީއެމްއިން ޤާނޫނާއި ޚިލާފަށް ޚަރަދުކޮށްފައިވާކަން ޕާޓީގެ އޮޑިޓު ރިޕޯޓުން ފާހަގަވުމާއި ގުޅިގެން އެޕާޓީގެ މާލީ ކަންކަން ބަލަހައްޓާ ފަރާތް އިލެކްޝަންސް ކޮމިޝަނުންވަނީ 5000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.

މީގެ އިތުރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ދޮގު ވާހަކަތައް ފަތުރައި، ކޮމިޝަނުގެ މެންބަރުންނާއި، މުޅި ކޮމިޝަނުގެ އިތުބާރު ގެއްލޭގޮތަށް ފަތުރަމުންދިޔަ ވާހަކަތައް ހުއްޓާލަން އެންގުމުންވެސް އެކަމަށް އިޖާބަ ނުދިނުމުން އެފަހަރުވެސް ޕީޕީއެމް 75،000 ރުފިޔާއިން ޖޫރިމަނާކުރިއެވެ.

ސިޔާސީ ޕާޓީތަކާ ބެހޭ ޤާނޫނުގައި ވާގޮތުން އެއްވެސް ޕާޓީއަކުން އެ ޤާނޫނާ ޚިލާފު ގޮތަކަށް ފައިސާއާއި ތަކެތި ހޯދައިފިނަމަ އެ ފައިސާއާއި ތަކެތީގެ އަގުގެ ދެގުނައަށްވުރެ ބޮޑުނޫން ޢަދަދަކުން އެ ޕާޓީއެއް ޖޫރިމަނާ ކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވެއެވެ. އަދި މަސްޢޫލުފަރާތް 5000 ރުފިޔާއާއި 10000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރުވެސް އެ ކޮމިޝަނަށް ލިބިގެންވެއެވެ.