ޚަބަރު

ބަޖެޓް ސަޕޯޓުގެ ގޮތުގައި 250 މިލިއަން ޑޮލަރުގެ އެހީއެއް އިންޑިއާއިން ރާއްޖެއަށްދީފި


ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާއިން 250 މިލިއަން ޑޮލަރުގެ އެހީއެއް ރާއްޖެއަށްދިނުމާ ގުޅިގެން އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ޝުކުރުއަދާކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވިޓެއްގައިވަނީ ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިޔާއިން ދިން 250 މިލިއަން ޑޮލަރާއި ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓް އެހީގެ ގޮތުގައި ދިން 500 މިލިއަން ޑޮލަރުގެ އެހީއަށް ޝުކުރު އަދާކުރައްވާފައެވެ.

ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާއިން 250 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 3.9 ބިލިއަން ރުފިޔާ ރާއްޖެއަށް ދިނުމަށް ނިންމާފައިވާކަން ހާމަކުރައްވާފައިވަނީ މިއަދު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ އެސް ޖައިޝަންކަރާއެކު ބޭއްވި ޑިޖިޓަލް ވީޑިއޯ ކޮންފަރެންސް ކޯލްގައެވެ.

ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން އިންޑިއާއިން ވަނީ އެކި ގޮތްގޮތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ޗައިނާގެ ވޫހާން ސިޓީގައި ތިބި 9 ދިވެހިން ރާއްޖެ ގެނެސްދިނުމާއި، އިންޑިއާގެ އެކި ހިސާބުތަކުގައި ތިބި ހާހެއްހާ ދިވެހިން ރާއްޖެ ގެނެސްދިނުމަށް އެހީތެރިވުމުގެ އިތުރުން ރާއްޖެއަށް ބޭނުންވާ ބޭހާއި ކާބޯތަކެތި ހުއްޓުމެއް ނެތި ރާއްޖެއަށް ލިބޭނެ މަގު ފަހިކޮށްދިނުމާއި، ގިނަ އަދަދެއްގެ ބޭހާއި ކާބޯތަކެތި ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދިނުން ހިމެނެއެވެ. އަދި އިންޑިއާގެ މެޑިކަލް ޓީމަކުން ރާއްޖެއަށް އައިސް، ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް އެހީތެރިކަންވެސް ފޯރުކޮށް ދީފައިވެއެވެ.

އަދި އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައިވީނަމަވެސް، ރާއްޖެއިން ލިބެން ނެތް ފަރުވާ ބޭނުންވާ ހާލުދެރަ ބަލިމީހުންނަށް ބޭސްފަރުވާއަށް އިންޑިއާއަށް ދަތުރުކުރުމުގެ މަގު އެޤައުމުން ވަނީ ފަހިކޮށްދީފައެވެ. އަދި މި އެހީތެރިކަމުގެ ދަށުން ގިނަ އަދަދެއްގެ ދިވެހިން މިހާރުވެސް ދަނީ އިންޑިއާގައި ފަރުވާ ހޯދަމުންނެވެ.