ޚަބަރު

މި ސަރަހައްދުގެ ފުރަތަމަ "އެއަރ ބަބްލް" ރާއްޖެއާ އިންޑިއާ ދެމެދު ގާއިމްކުރަނީ


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ބޭސްފަރުވާއަށް އިންޑިއާއަށް ދާންބޭނުންވާ ދިވެހިންނަށާއި އިންޑިއާއިން ރާއްޖެއަށް އަންނަން ބޭނުންވާ އެ ޤައުމުގެ ރައްޔިތުންނަށް ދެޤައުމުގެ ދެމެދު ދަތުރުކުރެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމަށް އެޤައުމުން ނިންމައިފިއެވެ.

އިންޑިއާއާއި ރާއްޖެއާ ދެމެދު ޤާއިމްކުރާ "އެއާ ބަބަލް" ނުވަތަ "އެއާ ބްރިޖް"ގެ ސަބަބުން ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ދެގައުމުގެ ދޭތެރޭގެ މަޑުޖެހިފައިވާ ވައިގެ ގުޅުން އަލުން ފެށިގެންދާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. މި އިންތިޒާމް ނުވަތަ އެއާ ބަބަލްގެ ދަށުން އިންޑިއާގެ ރައްޔިތުންނަށް ދިވެހިރާއްޖެއަށް ދަތުރުކުރެވޭނެ ފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވިދާޅުވެއެވެ. މި އިންތިޒާމުގެ ދަށުން ކުރާ ފުރަތަމަ ދަތުރު މިމަހުގެ 18 ވަނަ ދުވަހު ދިއްލީ އާއި ޓްރިވެންޑްރަމް އިން މާލެ އައުމަށް ހަމަޖެހިފައިވާކަމަށްވެސް އިންޑިއާ ހައިކޮމިޝަނުން ވިދާޅުވެއެވެ.

އިންޑިއާ ހައިކޮމިޝަނުން ވިދާޅުވީ ދިވެހިރާއްޖެއަކީ އިންޑިއާއިން މިފަދަ 'އެއާ ޓްރެވެލް ބަބަލް' އެއް ޤާއިމްކުރާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއް ކަމަށެވެ. އަދި މިއީ ކޮވިޑް-19 އަށްފަހު، ދެކުނު އޭޝިއާ ސަރަހައްދުގައި ގާއިމްކުރެވޭ މިފަދަ ފުރަތަމަ އެއަރ ބަބްލްކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

މި އެއަރ ބަބްލްއާއެކު ޝެޑިއުލް ފްލައިޓްތައް ދެ ގައުމުގެ މެދުގައި ފެށިގެންދާނެއެވެ. އަދި ދަތުރުތައް ފެށިނަމަވެސް، ކޮވިޑް-19 އިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެ ގައުމުންވެސް ދަމަހައްޓަމުން ގެންދާނެކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

އެއަރ ބަބްލްގެ ސަބަބުން ބޭސް ފަރުވާއަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ބޮޑުތަން ފަސޭހަ ވެގެންދާނެކަމަށާއި، ބޮޑެތި ބަލިތަކަށް، ރާއްޖެއިން ލިބެން ނެތް ފަރުވާކުރަން މިހާރުވެސް ޚާއްސަ އުސޫލެއްގެ ތެރެއިން ދިވެހިންނަށް އިންޑިއާއަށް ދަތުރުކުރެވުނަސް އެއަރ ބަބްލް ގާއިމްކުރެވުމުން ފްލައިޓްތަކުގެ ޝެޑިއުލްތައް ކުރިއާލާ އެނގި، ދަތުރުކުރާ ބަލި މީހުންނާ އެމީހުންގެ އާއިލާތަކަށް ފަސޭހަ ވެގެންދާނެކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖެއަށް ކޮންމެ އަހަރަކުވެސް އިންޑިއާއިން ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާއިރު، ރާއްޖޭގެ އިގްތިޞާދު އަލުން ކޮޅަށް ޖެހުމަށް މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައި މިއީ ލިބުނު އިތުރު ކުރިއެރުމެއްކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 10 އިންސައްތަ ފަތުރުވެރިންނަކީ މިހާރު އިންޑިއާގެ ފަތުރުވެރިންނެވެ.

ރާއްޖޭގައި އިންޑިއާގެ ގިނަ މަސައްކަތްތެރިން ޙަރަކާތްތެރިވާއިރު، ކޯވިޑް-19ގެ ސަބަބުން ވައިގެ ދަތުރުފަތުރު ހުއްޓުމުން ރާއްޖެއަށް ނާދެވި، ރާއްޖޭގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ އިންޑިއާގެ މީހުން އެ ޤައުމުގައި އެބަތިބިކަމަށާއި، އެއަރ ބަބްލް އުފެދުމުން، މި ފަރާތްތަކަށްވެސް ރާއްޖެއަށް އައިސް، އެކި ދާއިރާތަކުގައި މަސައްކަތްކުރަން ފެށޭނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލިނަމަވެސް، ޝެޑިއުލް ފްލައިޓްތައް ނެތުމުން ބޭރުގައި ތިބި ގިނަ އަދަދެއްގެ މަސައްކަތްތެރިންނަށްވަނީ ރާއްޖެއަށް ނާދެވިފައެވެ. ނަމަވެސް މި އެއަރ ބަބްލްގެ ތެރެއިން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މޯލްޑިވިއަން އާއި އެއަރ އިންޑިއާއިން މާލެއާއި އިންޑިއާގެ އެކި ސިޓީތަކާ ދެމެދު އުދުހުންތައް ފަށާނެއެވެ.