ޚަބަރު

ގްރޭޓާ މާލެ ބްރިޖް މަޝްރޫއަށް އިންޑިއާއިން 500 މިލިއަން ޑޮލަރުގެ އެހީދޭން ނިންމައިފި


ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫއަށް އިންޑިއާއިން 500 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ނިންމައިފިއެވެ.

އިންޑިއާ ސަރުކާރުން މިކަން ހާމަކުރައްވާފައިވަނީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި، އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު ފޯނުން މިއަދު ދެއްކެވި ވާހަކަފުޅައްފަހުގައެވެ.

ބްރިޖްގެ މަޝްރޫޢަށް އިންޑިއާ ސަރުކާރުން ދެއްވާ 500 މިލިއަން ޑޮލަރުގެ މި އެހީގެ ޕެކޭޖްގައި ލޯން އަދި ހިލޭ އެހީވެސް ހިމެނެއެވެ.

6695 ކިލޯ މީޓަރުގެ ބްރިޖްތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫޢަކީ މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖެއް ހެދުމަށް ނިންމާފައިވާ މަޝްރޫޢެކެވެ.

"ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ ދަށުން މާލެ، ވިލިގިނލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމުން ރާއްޖޭގެ އިޤްތިޞާދަށް އޭގެ ގިނަ ފައިދާތަކެއް ލިބި، ވިޔަފާރިތަކަށާއި އާއްމު ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.

ގްރޭޓަރ މާލެ ބްރިޖް މަޝްރޫޢުއަކީ މާލެ ސަރަޙައްދުގައި އާބާދީ ތޮއްޖެއްސުމަށް ހިންގާ މަޝްރޫޢުއެއް ނޫންކަމަށާއި، އެއީ މާލެ ސަރަހައްދުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މަޝްރޫޢުއެއްކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.

ބްރިޖާއި ކޯޒްވޭތައް ހިމެނޭހެން މާލެއިން ތިލަފުއްޓާ ހަމައަށް ގުޅާލާ މި ބްރިޖްގެ ދިގުމިން 6.7 ކިލޯ މީޓަރަށް އަރާނެކަމަށާއި ބްރިޖްގެ ފަޅިއެއްގައި މަދުވެގެން 2 ލޭން އޮންނާނެކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ސަރުކާރުން ލަފާކޮށްފައިވަނީ ބްރިޖްގެ މަސައްކަތަށް 450 އާއި 600 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށެވެ. ސަރުކާރުންވަނީ މިއަހަރުގެ ބަޖެޓުގައިވެސް ބްރިޖް މަޝްރޫޢަށް 411 މިލިއަން ރުފިޔާ ހިމަނާފައެވެ.

ގްރޭޓާރ މާލެ ކަނެކްޓިވިޓީ ބްރިޖު ނުވަތަ މާލެ ތިލަފުށި ލިންކް މަޝްރޫޢުގެ ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަން މަސައްކަތްތަކަށް މާލެ އާއި ވިލިނގިއްޔާދެމެދުގެ ކަނޑުގެ ސަރަޙައްދުގައާއި ވިލިނގިލީގެ ދެކުނު ފަރުމަތީގައި ބޯހޯލް ތޮރުފުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.