ޚަބަރު

ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ކުޅުދުއްފުއްޓާއި ކޮޗިންއާ ދެމެދު ފެރީގެ ޚިދުމަތް ފަށަނީ


ރާއްޖެއާއި އިންޑިއާގެ ކޮޗިން އާ ދެމެދު ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ފެރީގެ ޚިދުމަތް ފަށާނެކަން ސަރުކާރުން ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރާއެކު ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކަށްފަހުގައެވެ. މިމަޝްވަރާގައިވަނީ އިންޑިއާގެ ކޮޗިން އާއި ކުޅުދުއްފުށި ސިޓީ އަދި މާލެ ކާގޯ ފެރީގެ ޚިދުމަތް ފެށުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

ކާގޯ ފެރީގެ ޚިދުމަތާއެކު ދިވެހިރާއްޖެއާއި އިންޑިއާ އާ ދެމެދު އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަން ދެޤައުމުންވަނީ ހާމަކޮށްފައެެވެ. ރާއްޖޭގެ އުތުރުން ކުޅުދުއްފުއްޓަކީ ފެރީގެ އެއް މަންޒިލްކަމަށްވުމާއެކު، މިއީ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރިއެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށާއި އިންޑިއާ މެދުވެރިކޮށް ބައިނަލްއަގްވާމީ މާކެޓަށް ނެރުމަށް ފަސޭހަވެގެންދާނެކަމެއްކަމަށްވެސް ސަރުކާރުންވަނީ ހާމަކޮށްފައެވެ.

މި ޚިދުމަތުގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް މުދާ އެތެރެކުރުމުގައި ބޮޑު ލުއިފަސޭހަކަމެއް ލިބޭނެކަން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މި ނިޒާމުގެ ސަބަބުން ކޮލޮމްބޯ އާއި ދުބާއީ މަގުން ރާއްޖެއަށް އެތެރެކުރާ އަގަށްވުރެ ކުޑަ އަގެއްގައި މުދާ އެތެރެކުރެވޭނެކަމަށް ސަފީރުވަނީ ވިދާޅުވެފައެވެ.