އެޗްޕީއޭގެ ޤަވާއިދާ ޚިލާފުވި 35 އަހަރުގެ އަންހެނަކު އައްޑޫ ސިޓީ ފޭދޫއިން ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މިހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަހައްޓައިގެން ތަހުޤީގު ކުރުމަށް ބަންދަށް 15 ދުވަސް ދީފައިވާ ކަމަށެވެ. މި އަންހެންމީހާ ހައްޔަރު ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
އެ އަންހެން މީހާ ޙިލާފުވެފައިވަނީ އެޗްޕީއޭއިން އާންމުކޮށްފައިވާ ހޯމް ކަރަންޓީންގެ ޤަވާއިދާކަމަށް މަޢުލޫމާތު ލިބެއެވެ. އައްޑޫ ސިޓީގައި ހޯމް ކަރަންޓީނުގައި ތިބި 4 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައެވެ.
މާލޭ ސަރަހައްދުން ނުވަތަ ކޯވިޑް-19 ފެތުރެމުންދާ ރަށަކުން އެއްވެސް ރަށަކަށް މީހަކު އެހެން ރަށަކަށް ދާނަމަ ހޯމް ކަރަންޓީނު ވާން ޖެހޭގޮތަށް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ. އަދި ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކައި އަމަލުކުރުމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ ޤަވާއިދުތަކާއި ހިލާފުވާނަމަ އެމީހަކާއިމެދު ޤާނޫނީ ފިޔަވަޅު އަޅާނެމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.